ކުޅިވަރު

މެސީ އާއި ރޮނާލްޑޯ ނެތަސް މެޗުގެ ފޯރިއަކަށް ބަދަލެއް ނާންނާނެ: ވަލްވޭޑޭ

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނިކުންނައިރު އެޓީމުގެ ތަރި ލިއޮނެލް މެސީ އާއި މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތަސް މިރޭގެ މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަވާނެ މެޗެއްކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފިއެވެ.

މިރޭގެ މެޗަށް މި ދެޓީމު ނިކުންނައިރު، ބާސެލޯނާގެ އެންމެ މުޙިއްމު ކުޅުންތެރިޔާ މެސީ އަށް ވަނީ ލީގުގައި ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ، މި މެޗު ނުކުޅެވޭނެކަން ކުރިންވެސް ޔަޤީންވެފައެވެ. އަދި މެޑްރިޑް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ރޮނާލްޑޯ ވަނީ ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފައެވެ. އެހެންކަމުން، މިރޭގެ މެޗަކީ 2007 ވަނަ އަހަރުގެ ފަހުން މެސީ އާއި ރޮނާލްޑޯ ނުފެނި ކުޅޭ ފުރަތަމަ އެލް ކްލެސިކޯއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ބުނެފައިވަނީ، މެސީއާ ނުލާ ކުޅެން ޖެހުމަކީ ހުރިހާ ކަމެއްގެ ނިމުން ނޫންކަމަށާއި، މެސީ ހުރިނަމަ ފައިދާ ކުރާނެކަމަށާއި، އޭނާ ނެތަސް ރެއާލް އަތުން މޮޅުވެވޭނެ ކަމަށެވެ. މީގެއިތުރަށް ވަލްވޭޑޭ ބުނެފައިވަނީ، ރެއާލް މެޑްރިޑަކީ މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި، ރެއާލް މެޑްރިޑްގެ ފޯމް ދަށްވެފައި އޮތަސް އެޓީމަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ޓީމެއް ކަމަށެވެ. އަދި އެޓީމުގެ ޑިފެންސްގައި ތިބީވެސް މޮޅު ކުޅުންތެރިން ކަމަށާއި، އުނދަގޫ ހާލަތެއްގައި ރެއާލް އޮތުމުން މާ ނުރައްކާވާނެކަމަށެވެ.

ރެއާލްގެ ކޯޗު ލޮޕެޓީގް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ މުސްތަޤުބަލާމެދު ސުވާލުކުރުމުން ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ، އޭނާ ވިސްވަނީ ކުރިއަށް އޮތް މެޗާ ދޭތެރޭކަމަށާއި، މުހިއްމު ކަމަކީވެސް އެއީ ކަމަށާއި، މުސްތަޤުބަލާމެދު ވިސްނުމަކީ އޭނާއަށް މި މެޗަށް ސަމާލުކަން ނުދެވިދާނެ ކަމަކަށްވުމުން އެކަން ކުރަން ބޭނުން ނުވާކަމަށެވެ.

ބާސެލޯނާ ވަނީ ލީގުގައި ރެއާލް އާއި ދެކޮޅަށް އެންމެފަހުން ކުޅުނު 22 މެޗުގައި 48 ގޯލު ކާމިޔާބުކޮށްފައެވެ. ރެއާލް ވަނީ 1959 އާއި 1969 އާ ދެމެދު 21 މެޗުން 48 ގޯލު ބާސާކޮޅަށް ޖަހާފައެވެ. އެހެންކަމުން މިރޭގެ މެޗުގައި ބާސެލޯނާއަށް ލަނޑެއް ޖެހިއްޖެ ނަމަ ރެއާލްގެ އެ ރެކޯޑާ ހަމަކުރެވޭނެއެވެ. އެންމެ ފަހުން ބާސާ ދަނޑުގައި ކުޅުނު 3 މެޗުގައިވެސް ރެއާލް ބަލިވެފައެއް ނުވެއެވެ. އެއް މެޗުން މޮޅުވިއިރު، ދެ މެޗުންވަނީ އެއްވަރުވެފައެވެ.

ރެއާލް އާއި ދެކޮޅަށް މެސީ ކުޅުނު ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށް މެސީ ނެތި ކުޅުނު އެއްވެސް އެލް ކްލެސިކޯ އަކުން ބާސާ މޮޅުވެފައެއް ނެތެވެ. އެއްމެޗުން ބަލިވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ނަމަވެސް، ރޮނާލްޑޯ ނެތި ކުޅުނު ދެ މެޗުންވެސް ރެއާލް ވަނީ ބާސާއަތުން މޮޅުވެފައެވެ. މިރޭގެ މެޗަށް ނިކުންނައިރު ބާސާގެ ލުއިސް ސުއަރޭޒް ވަނީ ރެއާލް ކޮޅަށް 6 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޮސް ވަނީ ބާސާކޮޅަށް ބޮލުން 4 ގޯލު ކާމިޔާބުކޮށްފައެވެ.

ބާސާގެ ކޯޗު ވަނީ މީގެ ކުރިން އެތުލެޓިކް ބިލްބާއޯ، އެސްޕަންޔޯލް، ވިލަރެއާލް އަދި ވެލެންސިއާގައި ހޭދަކުރި ދުވަސްތަކުގައި 20 ފަހަރު ރެއާލް އާއި ދެކޮޅަށް ކުޅެ 12 މެޗުން ބަލިވެފައެވެ. ރެއާލްގެ ކޯޗު ލޮޕެޓީގް މީގެ ކުރިން ދުވަހަކުވެސް އެލް ކްލެސިކޯގައި ކޯޗުކަން ކޮށްދީފައެއް ނުވެއެވެ. ރެއާލްގައި އެންމެފަހުން ތިބި 6 ކޯޗުންގެ ތެރެއިން ޒިނެޑިން ޒިދާން ފިޔަވައި ދެންތިބި ހުރިހާ ކޯޗުންވެސް ވަނީ ފުރަތަމަ އެލް ކްލެސިކޯގައި ބާސާއަތުން ބަލިވެފައެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 20:15 ގައެވެ.