ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ އަމުރަަށް ތަބާނުވެ، ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން މަޖިލީހަށް ގޮތް ކަނޑައެޅޭނެ: އަމީން އާއްމު

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުން ނެރޭ އަމުރަަކަށް ތަބާނުވެ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީިހަށް ލިބިގެންވާ ހުދޫދުގެ ތެރެއިން މަޖިލީހަށް ގޮތްތަކެއް ނިންމިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ވިދިގެން، އެ ނިންމުމަށް ތަބާނުވެ މަޖިލީހަށް ކަމެއް ނިންމިދާނެތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިއުޝާ ވިދާާާޅުވީ، މަޖިލީހަށް ލިބިފައިވާ ހުދޫދުގެ ތެރެއިން އެފަދަ ނިންމުމެއް ނިންމިދާނެ ކަމަށެވެ.

"އަޅުގަނޑުގެ ރައުޔަކީ ގާނޫނު އަސާސީން ކޮންމެ ބާރެއްގެވެސް މަސްއޫލިއްޔަތުތަކާއި ބާރުތައް މި އޮންނަނީ ކަނޑައަޅައި ދެއްވައިފަ. އެހެންވީމަ އެ ހުދޫދުގެ ތެރެއިން މަޖިލީހުން ގޮތްތަކެއް ނިންމެވުމަކީ މައްސަލައެއްނޫން. އެގޮތަށް މަޖިލީހަށް ކަނޑައެޅުއްވޭނެ،" ނިއުޝާ ވިދާޅުވިއެވެ.

ނިއުަޝާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރެއް ބާތިލް ކަމަށް މަޖިލީހުން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައުޔަކީ މަޖިލީހަކީވެސް މިނިވަން މުއައްސަސާއެއް ކަމަށާއި، މަޖލީހުގެ މަސައްކަތްތައް ގެންދަންވީ ގޮތް ސުޕްރީމް ކޯޓަށް ނޭންގޭނެ ކަމަށެވެ.

"ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރޭގައި ތިއްބަވަން ވާނެއޭ، މަޖިލީހުގެ ރައުޔަކީ އެއީ،" އަމީން އާއްމު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައާ ގުޅީގެން، ސުޕްރީމް ކޯޓުން ނެރުނު އަމުރާގުޅިގެން، މަޖިލީހުގެ ބާރުތައް ނެގެހެއްޓުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މަޖިލިސް އިގުރާރުވާކަމަށް، ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީފާސްކޮށްފައެވެ. އަދި އެ އަމުރުތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ޣައިރު ގާނޫނީ އަމުރެއް ކަމަށް ވެސް މަޖިލީހުން އިއްޔެ ވަނީ އިގުރާރު ވެފައެވެ.

ނިއުޝާ މިއަދު ވިދާޅުވީ މަޖިލީހުން އިއްޔެ ފާސްކުރި، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ތަސްދީގު ކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަމަށެވެ.