ޕޮލިސް

ކަލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުން ގަސް ނަގަންވީމަ އީޕީއޭއަށް ނޭނގޭނެ ކަމަށް: ޕޮލިސް

ގަވައިދާ ހިލާފަށް ލ. ކަލައިދޫން ގަސްތަކެއްނެގި މައްސަލައެއްގައި ކައުންސިލްގެ ރައީސާ ސުވާލު ކުރުމުން ކަލައިދޫން ގަސް ނަގަންވީމަ އީޕީއޭއަށް ނޭނގޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވައިދާ ހިލާފަށް ނަގާފައި ހުރި ކިނބި ގަސްތަކެއް އަރުވާފައި ހުރިކަމުގެ ރިޕޯޓު މިމަހު 18 ވަނަ ދުވަހު ލ. އިސްދޫ ޕޮލިސް ސްޓޭޝަނަށް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެކަން ފުލުހުން ބެލި އިރު 20 ފޫޓު ހުންނަ ވަރުގެ ކިނބި ގަސްތަކެއް އެ ބޯޓަށް އަރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި މިހާރު އެ ގަސްތައް ހުރިތަނުގައި އަލުން އިންދާފައި ވާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ގަސްތަކަކީ ކަލައިދޫ ކައުންސިލުން އީޕީއޭގެ ހުއްދައަކާ ނުލައި 10 ރުފިޔާގެ މަހުން ވިއްކާފައިވާ ގަސްތަކެކެވެ. އަދި އެ ކަމާ ގުޅިގެން ކައުންސިލްގެ ރައީސާއި ސުވާލު ކުރުމުން ގަސް ނަގަން ވީމަ އީޕީއޭއަށް ނޭނގޭނެ ކަމަށާއި މި ގަސްތައް ނަގާފައިވަނީ އެސަރަހައްދުގައި މަގެއް ހެދުމަށް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.