ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މުސާރަ 43 ހާސް، އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާތާ އަށްމަސް!

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން ސަބަބެއް ނާންގަވައި، އޮފީހަށް ވަޑައިނުގަންނަވާތާ އަށްމަސް ވެއްޖެ ކަމަށް އެ ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ބްރޯޑްކޮމްގެ ރައީސް، މުހައްމަދު ޝަހީބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ބްރޯޑްކޮމްގެ މެންބަރުން އިއްޔެ ހާޒިރުކުރުމުން އެ ކޮމެޓީއާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ޝަހީބު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު، ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ މުސާރަ ގަވައިދުން ނަންގަވަމުން ގެންދަވާ ކަމަށެވެ. ކޮމިޝަނުގެ ނައިބު ރައީސަށް މުސާރައާއި އެލަވަންސާ އެކު މަހަކު 43 ހާސް ރުފިޔާ އެވެ.

އޮފީހަށް ވަޑައިނުގަންނަވާ އިރު، މުސާރަ ދެއްވަނީ ކީއްވެގެންތޯ މަޖިލިސް ކޮމެޓީގެ މެންބަރުން ސުވާލުކުރެއްވުމުން ޝަހީބު ވިދާޅުވީ، ގާނޫނާއި ގަވައިދު އޮންނަ ގޮތުން މެންބަރެއްގެ މުސާރަ ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް ނޯންނަ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ އަންގަން ޖެހޭ ފަރާތްތަކުގެ ސަމާލުކަމަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ، ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މިދިޔަ ނޮވެމްބަރު މަހު ފޮނުވާފައިވާނެ ކަމަށެވެ. ސިޓީގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގެންފައި އޮތީ ކޮމިޝަނުގެ ހުރިހާ މެންބަރުންގެ ހާޒިރީގެ މައުލޫމާތު ފޮނުވަން ކަމަށާއި އެ މައުލޫމާތު ވެސް މިހާރު ފޮނުވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.

ސޮފްވާން ވަނީ މި ހަފުތާގެ ތެރޭގައި ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އެހެން ނަމަވެސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވައިފައެއް ނުވެ އެވެ. އެހެންކަމުން މެންބަރެއްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 40 ހާސް ރުފިޔާ އޭނާއަށް މިހާރުވެސް ލިބިވަޑައިގަންނަވާނެ އެވެ.