ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކަމުގެ މެންބަރުން ކުފޫހަމައެއް ނުވޭ، ރީތިގޮތަކީ މަޖިލީހުން ވަކިކުރުމުގެ ކުރީން އިސްތިއުފާދިނުން: ވިސާމް

1

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުން ސާފުކޮށް އެނގިގެން ދިޔައީ އެ ކޮމިޝަނުގައި ތިއްބެވީ މަގާމަށް ކުފޫ ހަމަނުވާ ބޭފުޅުންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު، މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ވިސާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީތިގޮތަކީ ބްރޯޑްކޮމްގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުން ވަކި ކުރުމުގެ ކުރީން އަމިއްލައަށް އިސްތިއުފާދެއްވުން ކަމަށެވެ.

"އެއްވެސް މެންބަރަކަށް ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީވުމަކީ ކުށް ހީއެއް." ވިސާމް ގެ ޓުވީޓުގައި ވިދާޅުވި އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ކޮމެޓީގެ ވަގުތުގައި ބްރޯޑްކޮމްގެ މެންބަރުންނާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން ވެސް ވިސާމް ވަނީ ކޮމިޝަނުގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.

ބްރޯޑްކޮމް ގެ މެންބަރުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކަށް ހާޒިރުކޮށް އިއްޔެ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ގާނޫނާއި ގަވައިދުގެ ބޭރުން ގިނަ ކަންތައްތަކެއް ކުރެއްވި ކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟