ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެދިވަޑައިގެންނެވުމުގެ މަތިން ރާއްޖެ ޓީވީ ބަންދުކުރުމަށް އެމްއެންޑީއެފްއަށް ބްރޯޑްކާސްޓިން ކޮމިޝަނުން ސިޓީއެއް ފޮނުވުމަށް ނިންމި ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބްރޯޑްކޮމްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ އެ ކޮމިޝަނުގެ މެމްބަރު އިސްމާއީލް ސޮފްވާން ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީންގެ ފަރާތުން މެސެޖެއް ދެއްވި ކަމަށާއި އެއީ ހަފްތާއަކަށް ރާއްޖެ ޓީވީ ބަންދުކޮށްދިނުން ކަމަށެވެ.
"ސޮފްވާން ވަޑައިގެން ދެއްކީ މެސެޖުތައް، ޕްރެޒިޑެންޓް ޖަހާފައި އިނީ. އަޅުގަނޑަކަށް ނޭނގޭ އޭގެ އެއްވެސް ހަގީގަތެއް. ވިދާޅުވިއޭ ރާއްޖެ ޓީވީ ބަންދުކޮށްދޭށޭ ހަފްތާއަކަށް. ދެން އެހެންވީމާ ހިނގާށޭ މިކަންތަކާ އުޅެން. އަޅުގަނޑު ދެންނެވިން ތިއީ އަޅުގަނޑަށް ކުރެވޭނެ ކަންތަކެއް ނޫނޭ. ތިޔަ ކަންތައް ކޮމިޝަނުގެ މޭޒުގައި މަޝްވަރާ ކުރަންނޫންހޭ ޖެހޭނީ. އަޅުގަނޑު އިންތިޒާމުކޮށްދޭނަމޭ ބައްދަލުވުމެއް،" އޭނާ ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ ކޮމިޝަނުގައި މަޝްވަރާކުރުމަށްފަހު އެކަމަށް ގޮތެއް ނިންމުމަށް އެދިފައިވާނެ ކަމަށާއި އެ ބައްދަލުވުމުގައި ޝަހީބަށް ބައިވެރިވެވޭ ގޮތް ވެފައި ނުވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ ކުއްލި ހާލަތު އިއުލާންކޮށްފައި އޮތް ހާލަތުގައި، އެ ދަނޑިވަޅުގެ ފައިދާ ނަގައިގެން ރާއްޖެ ޓީވީ ބަންދުކޮށްދޭން އެމްއެންޑީއެފްއަށް ސިޓީއެއް ފޮނުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކަންދިމާކުރި ގޮތުން އަޅުގަނޑުގެ ބައްޕަ އެދުވަހު ވަރަށް ބަލިވެ އުޅޭތީ އަޅުގަނޑަށް އެ ބައްދަލުވުމުގައި ހާޒިރުވެވޭ ގޮތެއް ނުވި. އެ ބައްދަލުވުމުގައި އެ ބޭފުޅުން ނިންމީ ކުއްލި ހާލަތު އިއުލާންކޮށްފައި އޮތް ހާލަތުގައި އެ ދަނޑިވަޅުގެ ފައިދާ ނަގައިގެން ރާއްޖެ ޓީވީ ބަންދުކޮށްދޭން އެމްއެންޑީއެފްއަށް ސިޓީއެއް ފޮނުވަން. ކޮމިޝަނަކަށް ނެތް ބާރެއް ތަންތަން ބަންދުކުރުމުގެ. އެހެންނަމަވެސް އެދުވަހު އަންގާފައި އޮތީ އެމްއެންޑީއެފްއަށް އޮތް ބާރުގެ ދަށުން ރާއްޖެ ޓީވީ ބަންދުކޮށްދޭށޭ ކިޔާފައި. އަޅުގަނޑުވެސް ވަރަށް ހައިރާންވި އެ ސިޓީ ފެނިފައި،" އޭނާ ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ ރައީސް ޔާމީންގެ މެސެޖު ސޮފްވާން ދެންނެވުމުގެ ކުރިން ރައީސް އޮފީހުން ގުޅާފައި ކޮމިޝަންގެ ރައީސާއި ސޮފްވާންއާ ރައީސް ޔާމީން ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވާކަން އަންގާފައިވާ ކަމަށް އޭނާ ދެންނެވި ކަމަށާއި ކޮމިޝަނުގެ ރައީސާ ބައްދަލުކުރަން އެދޭ ނަމަ، ރައީސް އޮފީހުގައި އެ އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން އެންގެވުމަށް ދަންނަވާފައިވާނެ ކަމަށެވެ.