ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީނާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު އަދި ބައެއް މަޖިލިސް މެމްބަރުން ބްރޯޑްކާސްޓިން ކޮމިޝަނަށް ނުފޫޒު ފޯރިވި ކަމަށް އެ ކޮމިޝަނުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ބްރޯޑްކޮމްގެ މެމްބަރުން އެކަން ފާހަގަކުރައްވާފައިވަނީ މިއަދު ހަވީރު އެ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުންނެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އޭނާއަށް އެއްވެސް މީހެއް ނުފޫޒު ފޯރުވާފައި ނުވާ ކަމަށާއި ނަމަވެސް ބައެއް މައްސަލަތަކާ ގުޅިގެން ބައެއް މަޖިލިސް މެމްބަރުން ގުޅުއްވާފައި ވަކި ގޮތަކަށް ކަންތައް ކުރަން އަންގަވާފައިވާ ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އެބަވޭ، ބައެއް މައްސަލަތަކާ ގުޅިގެން ބައެއް މަޖިލިސް މެމްބަރުން ވެސް ގުޅުއްވާފައި ބައެއް ކޮމިޝަން މެމްބަރުންނަށް ވާހަކަދައްކައި ވަކިގޮތަކަށް ކަންތައް ކުރަން، ތިބޭފުޅުން ފޮނުވާފައި ތި ތިބީ ވަކިގޮތަކަށް ކަންތައް ކުރަން މިހެން މިހެން ކިޔާ ވާހަކަތަކެއް ދައްކާފައި ހުރި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނު މިއަދު ނުރަސްމީ ބައްދަލުވުމެއްގެ ތެރޭގައި. ކަންތައްތަކެއް ހިނގާފައި އެބަހުރި. އަޅުގަނޑު ވަރަށް ހައިރާންވޭ، ވަރަށް ކަންބޮޑުވޭ އެކަހަލަ ކަންތައްތަކެއް މިކަހަލަ މުސްތަގިއްލު ކޮމިޝަނެއްގެ ތެރޭގައި، ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ކަންތައްތަކެއް ހިނގާފައި އޮތީމަ. އެހެންނަމަވެސް އަޅުގަނޑަށް އެކަހަލަ އެއްވެސް ނުފޫޒެއް ނޯވޭ އެއްވެސް އިރެއްގައެއް،" އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ބްރޯޑްކޮމްގެ ނައިބު ރައީސް ފާތިމަތު ޒައިނާ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަކި ގޮތަކަށް ކަންތައް ކުރަން އެންގި ކަމަށާއި ނަމަވެސް ފޯނު ކޯލަކަށް ބަލައިގެން އެއްވެސް ކަމެއް ނިންމުމުގައި އަމަލުކޮށްފައެއް ނުވާނެ ކަމަށެވެ. އަދި އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ޒައިނާ ވިދާޅުވިއެވެ.
ކޮމިޝަން މެމްބަރު ޒީނާ ޒާހިރު ވިދާޅުވީ ކުރީގެ ދެ މެމްބަރުން ކަމަށްވާ މުބީނާއި ޔާމީން އޭނާއަށް ގުޅުއްވި ކަމަށާއި ރާއްޖެ ޓީވީ ބަންދު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ އެބޭފުޅުން އެއްސެވި ކަމަށެވެ. ގާނޫނުން ބަންދު ކުރެވޭނެ ހާލަތެއް އަދި ނާންނަ ކަމަށް އެބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެ ފޯނު ކޯލެއް އައި އިރުގައި، އެއީ ދެ މެމްބަރެއްގެ ފަރާތުން. އެހެންނަމަވެސް އެ ސަރުކާރުގެ އެހެން އެއްވެސް ބޭފުޅެއްގެ ފަރާތުން އަޅުގަނޑަށް ފޯނު ކޯލެއް ނާދޭ. އެ ދެ މެމްބަރުންނަކީ އޭރުގެ މެމްބަރު މުބީން އަދި ޔާމީން. ދެ ބޭފުޅުން ވެސް ގުޅާފައި ވިދާޅުވީ ކީއްވެގެންތޯއޭ އެކެއް ފެބްރުއަރީގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ދައްކަމުންދާ އިރު ރާއްޖެ ޓީވީއާ މެދު ފިޔަވަޅު ނާޅާ އުޅެނީ. ކީއްވެގެންތޯއޭ ރާއްޖެ ޓީވީ ބަންދު ނުކުރެވިގެން އުޅެނީ. އެކަހަލަ ގޮތަކަށް ސުވާލުތައް އައީ. އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ގާނޫނަކު އަދި ބަންދުކުރެވޭނެ ހާލަތެއް ނާދެއޭ، އަޅުގަނޑަށް ތިކަމެއް ތިގޮތަކަށް ނުކުރެވޭނެއޭ،" އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް ޝަހީބު ވިދާޅުވީ ބައެއް ޓީވީ ޗެނަލްތަކަށް އަމާޒުކޮށް ޖޫރިމަނާކުރެވިފައި އެބަހުރި ކަމަށާއި ކޮމިޝަނުގެ ބައެއް މެމްބަރުން އިސްވެ ބްރޯޑްކާސްޓަރުންގެ މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާކަން ވެސް ފާހަގަކުރެއްވިއެވެ.