އަހްމަދު އަދީބު އަބްދުލްގަފޫރު

ރައީސް ޔާމީން ބޭނުންފުޅު ވަނީ ޖަލުގައި ބަންދުކޮށްގެން އަދީބު ފަނާކޮށްލަން: މުސްތަފާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި ބަންދުކޮށްގެން ފަނާކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބަށް ބޭސްފަރުވާ ހޯދައިދިނުމަށް މަސައްކަތްކުރުން އެއީ ހުރިހާ މަޖިލިސް މެމްބަރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެންމެ ދެކެން ބޭނުންވަނީ ރައީސް ޔާމީން މި ފަސްގަނޑުގައި ހުންނަވަނިކޮށް އަދީބަށް ބޭސްފަރުވާ ލިބޭތަން ފެނުން ކަމަށާއި އެކަން އެގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

"ވީޕީ އަދީބަށް ބޭސްފަރުވާ ހޯދައިދިނުމަށް މަސައްކަތްކުރުން އެއީ ހުރިހާ މަޖިލިސް މެމްބަރުން ވެސް ކުރަން ޖެހޭ ކަމެއް. ރައީސް ޔާމީން ބޭނުންފުޅު ވަނީ އަދީބު ޖަލުގައި ބައިންދައިގެން ފަނާކޮށްލަން. އެންމެ ދެކޭ ހިތްވަނީ ރައީސް ޔާމީން މި ފަސްގަނޑުމަތީގައި ހުންނަވަނިކޮށް އަދީބަށް ބޭސްފަރުވާ ލިބޭތަން ފެނުން. އެކަން ވާނެ،" މުސްތަފާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަދީބުގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ ގޭ ގޭބަންދަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ދާދިފަހުން އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.