އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅައިފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ސޮފްވާނާއި ޒައިނާ ބްރޯޑްކޮމް އިން ވަކިކުރުމަށް އެ ކޮމިޓީގެ ނައިބު މުގައްރިރު މީކާއީލް ހުށަހެޅުއްވީ އެ ދެ މެމްބަރުން ފެއިލްވެފައިވާ ކަމަށް ވިދާޅުވެއެވެ.
އެ ބައްދަލުވުމަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ޒައިނާ ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ސޮފްވާން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޒައިނާގެ އިތުރުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުން ނިންމަވާލައްވަމުން ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ މީކާއީލްގެ އެ ހުށަހެޅުއްވުމަށް ފަހުން ކޮމިޓީން ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އެ ބައްދަލުވުމުގައި ކޮމިޓީން ވަނީ ބްރޯޑްކޮމްގެ މެމްބަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާނެތޯ ސުވާލުކޮށްފައެވެ. ނަމަވެސް ޒައިނާ ހިމެނޭގޮތަށް މެމްބަރުން ވިދާޅުވެފައިވަނީ އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުން ސޮފްވާން އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ޒައިނާ އިންތިހާބުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.