ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ކުރިމައްޗަށް އޮތް ސަރަހައްދުގައި ފެންބޮޑުވެއްޖެ އެވެ.
އެއާޕޯޓުގެ ރަންވޭ ކުރިމަތީގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތަން ފެންނަ ފޮޓޯއެއް މީސްމީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ގާތްގަނޑަކަށް 20 ނުވަތަ 30 ވަރަކަށް ފުޓޫ ފުޅާ މިިނުގައި އެއްކޮޅުން އަނެއް ކޮޅަށް ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އެ ފެންގަނޑު ބޮޑުވެފައި އޮތްވަރުން ފެންގަނޑުގެ އަޑީން ރަންވޭއާ އިންވެގެން އަޅާފައި އޮތް ތާރުގަނޑު ވެސް ފެންނަ ވަރެއް ނުވެ އެވެ.
އެއާޕޯޓުގެ ރަންވޭއާ ގުޅިގެން އޮންނަ ސަރަހައްދެއްގައި މިހާ ބޮޑަށް ފެން ބޮޑުވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އަދި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް އަބަދުމެ ހިންގާ އިރު، ރަންވޭއާ އިންވެގެން އޮންނަ ސަރަހައްދު ތަކުގައި ފެން އެއްވެސް ވަރަކަށް ބޮޑު ނުވާނެ ގޮތަކަށް ކަންކަން ކުރެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ކުރިމަތީގައި ވެސް ރާއްޖޭގެ އަގު މި ކަމުގެ ސަބަބުން ވެއްޓޭނެ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެއާޕޯޓުގެ ރަންވޭއާ ގުޅިގެން އޮތް ސަރަހައްދުގައި މިވަރަށް ފެން ބޮޑުވި އިރު މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް މިއަދު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.