ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯއާއި ކޮރަޕްޝަނުގެ މައްސަލައެއް އޮތްތޯ ބަލަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ އާއި އެ ބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލައެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑް ކުރުމުން ޖޭއެސްސީގެ މައްޗަށް ނެރުނު އަމުރާއި، ސްޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާއެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ވިއަސް ނިންމާކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ އެންގުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވައިލެއްވި މައްސަލައާ ގުޅިގެން ތިން ހުށަހެޅުމެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުނެވެ.

މި މައްސަލައަށް ބަހުސް ކޮށް ނިމުމުން އެ ތިން ހުށަޅުންވެސް ވޯޓަށް އަހައިގެން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޭގެ ތެރެއިން، ސުޕްރީމް ކޯޓުން ނެރުނު އެ ދެ އަމުރަކީ، ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުގެ ގާނޫނީ ބާރު ކަނޑުވާލުން ކަމަށްބުނެ، އެ މައްސަލަ ޖޭއެސްސީން ބެލުމަށް ހުށަހެޅި ހުށަހެޅުން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާ ގުންނެވެ.

އަދި ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި ހަމަވޭތޯ ޖޭއެސްސީން ބަލައި، މަޖިލީހަށް ހުށަހެޅުމަށް ހުށަހެޅި ހުށަހެޅުން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ނުފެންނަކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

މީގެ އިތުރުން އެއްވެސް ފަނޑިޔާރެއްގެ ކޮރަޕްޝަންގެ މައްސަލްއެއް ހުށަހެޅިފައިވާނަމަ އެމައްސަލަ ލަސްނުކޮށް ޖޭއެސްސީން ބެލުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މި ތިން ހުށަހެޅުންވެސް މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.