ރައްޔިތުންގެ މަޖިލިސް

ސުޕްރީމްކޯޓުގެ އަމުރުތަކާބެހޭގޮތުން މެންބަރުން ވާހަކަދައްކަވައި ނިމެންދެން ޖަލްސާ ކުރިޔަށްގެންދަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީ ގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު، ދެ އަމުރާ ބެހޭގޮތުން، މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދެއްކެވުމަށް ބޭނުންވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ވަގުތު އިތުރުކޮށް ޖަލްސާ ކުރިއަށްގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު 2:30 އަށް ހަމަ ވުމުން ވަގުތު އިތުރުކޮށްގެން ޖަލްސާ ކުރިޔަށް ގެންދަން ފެނޭތޯ ނެގި ވޯޓުގައި އެގޮތަށް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދާ ދަންފަޅީގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވުމަށް އެދިވަޑަިގެންފައިވާ މެންބަރުންގެ އަދަދަށްބަލާއިރު 3:00 އެހާކަންހާއިރު އެ މައްސަލައަށް ވޯޓަށް އެހޭނެކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުންވިއަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ އެންގުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މުހިންމު ތިން ހުށަހެޅުމެއް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސުޕްރީމްކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށާއި، އެ ފަނޑިޔާރުންގެ ކޮރަޕްޝަން މައްސަލައެއް އޮތްތޯ ބެލުމެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފި ނަމަ، ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެ މަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް ޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

މި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.