އިބްރާހިމް ޒަކީ
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލް ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމުން މިއަދުގެ ޖަލްސާއިން އެ ބިލް ފާސްކުރީ، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ގޮތްނޭނގޭ މަރުތަކާއި، ހިޔާނާތުގެ ގޮތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަލުން ހޯދުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ރަށުން ބާރު ލިބިގެން ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބިދިނުމަށް ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުހަައްމަދު ރަޝީދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލު ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ.
ނަމަވެސް ގާނޫނުއަސީއާ ތައާރަޒުވާ މާއްދާތަކެއް ހުރުމުން ބިލް އޭރު މަޖިލީހުން މަޑުޖައްސައިލިއެވެ. އަލުން އެބިލް 19 ވަނަ މަޖިލީހަށް ހުށަޅާފައިވަނީ ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހުގައެވެ.
މި ބިލުގައި ވާގޮތުން ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަންތަކަށް ބޭނުން ކުރެވޭނެއެވެ.
މީގެއިތުރުން ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރުތަކަށް އެދުމުގެ ބާރު ވެސް މި ބިލުން ވަނީ ކޮމިޝަންތަކަށް ދީފައެވެ.
އެހެންކަމުން ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބިގެންވާ ބާރުތައް މި ކޮމިޝަންތަކަށް ލިބިދޭނެއެވެ. އަދި އޭސީސީއަށް ލިބިގެންވާ ތަހުގީގު ކުރުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިގެންވެއެވެ.
މި ބިލްގައި ބުނާގޮތުން ރިޔާސީ ކޮމިޝަންތައް އެކުލެވިގެން ވާނީ އެ ވަގުތަކު، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް ނުވަތަ މެމްބަރުންގެ މައްޗަށެވެ. އަދި ކޮމިޝަންތަކަށް މެމްބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަންތަކަށް މެމްބަރުން އިތުރު ކުރުމާއި މަދު ކުރުމުގެ ބާރުވެސް ދީފައިވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ.