ރައްޔިތުންގެ މަޖިލިސް

ޖާބިރުގެ ސުވާލާގުޅިގެން އިކޮނޮމިކް މިނިސްޓަރު ހާޒިރުކުރަން ނުޖެހޭކަމަށް ވިދާޅުވެ ސުވާލު ކުރުން ކުރިއަށް ގެންދަވައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބު ދެއްވުމަށް، މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ނުޖހޭކަމަށް ވިދާޅުވެ މިނިސްޓަރާ ސުވާލު ކުރެއްވުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖާބިރު ސުވާލު ކުރެއްވީ، މިނިސްޓަރު ފައްޔާޒު އެމްޑީއެއްގެ ގޮތުގައި މީގެ ކުރިން ހުންނެވި ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) ކުންފުނީގައި މިހާރު އެމަނިކުފާނުގެ މަސްލަހަތު އޮވޭތޯއާއި ބިގަށް އެމްއެންބިސީން ދޭން ކޯޓުން ހުކުމް ކޮށްފައިވާ ފައިސާއާ ބެހޭގޮތުންނެވެ.

މި ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުންވެސް، އެ ސުވާލަކީ މިނިސްޓަރުގެ މަސްއޫލއިްޔަތާ ބެހޭގޮތުން ކުރައްވާފައިވާ ސުވާލެއް ނޫން ކަމާއި އެއީ ޒާތީ ސުވާލެއް ކަމަށް މިިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އަދި އެ ސުވާލަށް ޖަވާބު ދެއްވަން ވަޑައިގެންނެވީ މައުލޫމާތު ހިއްސާ ކުރެއްވުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރާ ސުވާލު ކުރަމުދިޔަ ވަގުތުގައި، ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައިގެންވެސް، އެ ކަމަކީ ގާނޫނުއަސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަނާ ކަމެއްކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމު ވިދާޅުވީ، މަޖިލީހުގެ ރައީސް އިކޮނޮމިކް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރެއްވީ، ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

"ޒާތީ ކަމެެއްގައި މަނިކުފާނު މިނިސްޓަރަކު މަޖިލީހަށް ތި ހާޒިރު ކުރެއްވީ. މީސްމީހުންގެ ޒާތީ ސުވާލު ކުރާކަށް ނޫން މިތިބީ މިތަނަށް އައިސް. މިތިބީ ޒިންމާދާރުކަމާއެކު އެ މިނސިްޓަރަކާ ގުޅުންހުރި ދާއިރާއަކަުން ސުވާލުކުރަން. މިކަން ހުއްޓާލެއްވުމަށް އިލްތިމާސްކުރަން،" ސިޔާމު ވިދާޅުވިއެވެ.

ސިޔާމު ފާހަގަ ކުރެއްވި މައްސަލައަށް ދެއްވި ޖަވާބުގައި، އެކަން ކުރައްވާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެއްބަސްވެ ވަޑައިގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރައްވަން ޖެހިވަޑައިނުގަންނަވާ ކަމަށާއި، އަދި އެމަނިކުފާނު މަޖިލީހަށް ހާޒިރުކުރަން ޖެހޭ ފަދަ ސުވާލެއްވެސް ލިބިވަޑައިގެންފައި ނުވާކަމަށެވެ. ނަމަވެސް މިނިސްޓަރު އަރިހުގައި ދެންނެވުމުން މިނިސްޓަރު އަމިއްލަފުޅަށް ވަޑަިއގެންނެވީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ޖެހިވަޑައިނުގަންނަވާކަން ހާމަ ކުރެއްވުމުގެ ގޮތުން، ގާނޫނު އަސާސީގެ 98 ވަނަ މާއްދާވެ މަޖިލީހުގެ ރައީސް މަޖިލީހަށް އިއްވެވިއެވެ.

"ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ވުމަށާއި އެމީހަކު އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެމީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްވި ޖަވާބާ ގުޅިގެން ނިޒާމީ މައްސަލަ ނަންގައިވައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަވެސް ވަނީ، ރިޔާސަތުން އެކަންތައް ކުރިޔަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައިފައެވެ.

އީސަ ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ސާފުބަހުން ކަނޑައަޅާފައިވަނިކޮށް، ވަޒީރު ބޭނުންފުޅުވިޔަސް، ޒާތީ ކަންކަމަށް ޖަވާބުދޭން ވަޒީރުން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށާއި، އިކޮނޮމިކް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމާއި ޖަވާބު ދިނުން ކުރިޔަށް ގެންގޮސްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އީސަގެ ނިޒާމީ މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ވަޒީރު މަޖިލީހަށް ވަޑައިގެންނެވީ، ކުރައްވާ ސުވާލުތަކާ ގުޅިގެން ދިފާއުވެ ވަޑައިގެންނެވުމުގެ ސާބިތުކަމާ އެކު ކަމަށެވެ. އެގޮތަށް ވިދާޅުވެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވަނީ މިނިސްޓަރާ ސުވާލު ކުރުމަށް ކަނޑައަޅާފައި އޮންނަ 15 މިނިޓް ނިމެންދެން އެ މަސައްކަތް ކުރިޔަށް ގެންދަވައިފައެވެ.