ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފި ނަމަ، ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެ މަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށް ޓަކައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ، އިންތަކާއި މިންތަކާއި ހުދޫދެއްނެތި އެއްވެސް ފަރާތަކަށް މުތުލަގަށް ގާނޫނުއަސާސީން ބާރުތަކެއް ދީފައި ނުވާނެ ކަމަށެވެ.
ނަމަވެސް ދުސްތޫރުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ ހިލާފަށް ތަކުރާރުކޮށް މުއައްސަސާތަކުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، ހާއްސަ ގޮތެއްގައި މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކުގެ މައްޗަށް އަރައިގަނެ އިއްވަމުން ގެންދަވާ އަމުރުތަކަކީ، ރައްޔިތުންގެ ބާރުތަކުގެ މައްޗަށް އަރައިގަތުންކަމަށާއި މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބަވާއިރު އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހިސާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު އެ އަމުރުތަކަކީ، މަޖިލީހަށް ލިބިގެންވާ ބާރުތައް ހަނި ކުރެވޭ ގޮތަށް އަދި ރައްޔިތުންގެ ސީދާ ބާރު ހަނި ކުރުމުގެ އަމުރެކެވެ. އަދި މަޖިލީހުން އެ އަމުރަށް، ތަބާވުމަކީ މަޖިލީހަށް ގާނޫނުން ލިބިގެންވާ ބާރުތައް ދޫކޮށްލުމާއި ގާނޫނު އަސާސީއާ ހިލާފު ވުމެއް ކަމަށް ވެސް ހިސާންގެ ގަރާރުގައި ވިދާޅުވި އެވެ.
"މަޖިލީހުގެ މައްޗަށް، ނުވަތަ މަޖިލީހުގެ ކޮމިޓީގެ މަސައްކަތާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ދެ އަމުރަކީ މަޖިލިސް، އަދި މަޖިލީހުގެ އެއްވެސް މެންބަރަކު ބަނދެވޭނެ އަމުރެއްނޫން ކަމަށާއި އެ ދެ އަމުރަކީ މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް، ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ޣައިރު ގާނޫނީ އަމުރެއް ކަމަށް އިގުރާރުވެ އަދުލު އިންސާފުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެ އިސް އިސްތިއުނާފީ ކޯޓުުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކަށް މި މަޖިލީހުން އިހުތިރާމް ކުރާހިނދު އެ ބާރުތަކުގެ އިމުުގެ ތެރޭގައި ދެމި އޮތުމަށް ސުޕްރީމް ކޯޓަށް އިރުޝާދު ދިނުމަށާއި، އެ ބާރުތަކުގެ އިމުން ބޭރުވެ، މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަޖިލީހުގެ ބާރުތައް ނެގެހެއްޓުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މަޖިލިސް އިގުރާރުވަމޭ،" ހިސާން ހުށަހެޅުއްވި ގަރާރުގައި ވެއެވެ.