ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ކޮށްފައިވާ ސަސްޕެންޝަން ދަމަހައްޓަން، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑިޖޭއޭއިން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ދެމިއޮންނާނެ ކަމަށް މަޖިލީހުން ކަނޑައެޅުމުންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ޑީޑީގެ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އިތުރު އަމުރެއް މިއަދު ނެރެފަ އެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށެވެ. އަދި ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ބާރަށާއި މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް މަޖިލީހުން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ވެސް ފާސް ކުރިއެވެ.
ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޖުޑިޝަލް އެކަޑަމީގެ ވައިސް ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ މަޖިލީހުގެ އެނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށާއި ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފި ނަމަ، ހުރިހާ ފަރާތްތަކުން އެ ކޯޓުން ނިންމާ ނިންމުމަށް އަމަލު ކުރުން ލާޒިމް ވާނެ ކަމަށެވެ.
އަދި ޝަރުއީ ސައްހަކަން ކަނޑައެޅުމަށް އެއްވެސް އިޖުރާއަތެއް ހިންގަން ދައުލަތުގެ އެއްވެސް ބާރެއް ގާނޫނުއަސާސީން ފުރުސަތު ދީފައި ނެތް ކަމަށް މާޖިދު ވިދާޅުވިއެވެ. އަދި ދުސްތޫރުން ލިބިދީފައި ނުވާ ބާރުތަކެއް ނަގައިގެން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓުން ނޫން ކަމަށް މާޖިދު ވިދާޅުވިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ތަންފީޒު ކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތިން އަމުރެއް މިހާތަނަށް ނެރެފައިވާއިރު، ޑީޑީގެ މައްސަލަ ޖޭއެސްސީން މިހާރުވެސް އަންނަނީ ބަލަމުންނެވެ.
އެގޮތުން ޑީޑީ ވަނީ ރޭގެ ވަގުތެއްގައި އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ޖޭއެސްސީން ބުނި ގޮތުގައި ޑީޑީގެ ގިނަ މައްސަލަތަކެއް ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ސުލޫކީ މައްސަލަތަކުގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އަބްދުﷲ ދީދީ އެދިވަޑައިގަތުމުން ޖޭއެސްސީން ވަނީ އެގޮތަށް ނިންމައިފައެވެ.