ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މުސާ މަނިކު ހިންގާ ހޮޓަލެއްގެ ވޭނެއް ވަގަށް ނެގުމަށްފަހު ރޯކޮށްލައިފިއެވެ.
ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން ''ވަން އޮންލައިން'' އަށް މައުލުމާތު ދެއްވަމުން މިރޭ ވިދާޅުވީ، ގަމު މުކުރިމަގުގައި ހިންގަމުންދާ އެމްއޯ ހޮޓަލުން ބޭނުންކުރާ ވޭނެއްގައި ބަޔަކު ރޯކޮށްލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވޭނުގައި ރޯކޮށްލިކަން އެނގުމުން އެކަން ކައުންސިލުންވެސް ބަލަމުން އަންނަ ކަމަށެވެ. ޝާހީން ވިދާޅުވީ ހޮޓަލަކީ މޫސާ މަނިކުގެ ހޮޓަލެއް ކަމަށާއި ވޭނަކީ ހޮޓަލުގެ ބޭނުމަށް ދުއްވާ ވޭނެއް ކަމަށެވެ.
ފުލުހުން މިރޭ ބުނީ ލ. ގަމުގައި ހުރި އެމްއޯ ހޮޓާ ކައިރީ ބާއްވާފައި އޮތް ވޭނެއް ވަގަށް ނަގައިގެން ގެންގޮސް، މުކުރިމަގު ހަތްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސް، އެ ވޭނުގައި ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބފައިވަނީ މިރޭ 9:15 ގައި ކަމަށެވެ.
އަދި ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވެހިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ ލ. ގަން ހަވިއްތާ ކައިރީ ބީޗު މަގުގައި ވޭނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ފަޔާމަނުން މިރޭ 9:45 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.