ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

އެއްބާރުން އަނެއް ބާރަށް އިހުތިރާމް ނުކުރާނަމަ ދުސްތޫރީ ނިޒާމް ހަލާކުވެ، ދައުލަތް ފެއިލްވެގެންދާނެ: ޑީޖޭއޭ

ޝަހީދާ އަބްދުﷲ ސައީދު

ދައުލަތުގެ އެއްބާރުން އަނެއް ބާރަށް އިހުތިރާމު ނުކުރާނަމަ އެކަމުގެ ސަބަބުން ދުސްތޫރީ ނިޒާމް ހަލާކުވެ ދައުލަތް ފެއިލްވެގެން ދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ކޮށްފައިވާ ސަސްޕެންޝަން ދަމަހައްޓަން، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ވައިސް ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ ބާރަކުން އެއްބާރުން އަނެއް ބާރަށް އިހުތިރާމް ނުކުރުމަކީ ހަމައެކަނި އިހުތިރާމް ނުކުރެވޭ ނުވަތަ އިހާނެތިކޮށް އަމަލު ކުރެވޭ ބާރަށް އެކަނި ލިބޭ ނިކަމެތިކަމެއް ނޫން ކަމަށެވެ.

މާޖިދު ވިދާޅުވީ ރާއްޖޭގައި ވިޔަސް، އަދި ދުނިޔޭގެ އެހެން ގައުމަކުންވެސް ދައުލަތުގެ ބާރަކުން އަނެއް ބާރަށް އިހާނެތިކޮށްފިނަމަ ހުރިހާ ބާރަކަށްވެސް ނިކަމެތިކަން ލިބޭނެ ކަމަށެވެ. އަދި މިހާތަނަށްވެސް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ނަތީޖާ ނުކުމެފައިވަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ އެކަމުގެ ސަބަބުން ގާނޫނީ ހުކޫމަތު ގެއްލި، އަދުލު އިންސާފު ވެސް ގެއްލި އަދި ދުސްތޫރީ ނިޒާމް ހަލާކުވެ، ދައުލަތް ވެސް ފެއިލްވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައިގައި ޖޭއެސްސީގެ އިހުތިސޯސްތަކުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެފައި ނުވާ ކަމަށް މާޖިދު ވިދާޅުވިއެވެ. އަދި ފަނޑިޔާރު ދީދީ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަކީ އެ ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ މައްސޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ސްޕްރީމް ކޯޓުން އަމުރެއް ނެރުމުން އެއަށް ފުރަގަސްދީ އެއަަށް އަމަލު ނުކުރުމަކީ އޮންނަ ކަމެއް ނޫން ކަަމަށާއި، އެ ނިންމުމަކާ އެއްގޮތަށް އަމަލު ކުރުމަކީ ދައުލަތުގެ އަނެއް ދެ ބާރު ހިމެނޭ ގޮތަށް ހުރިހާ އެންމެންގެ މައްޗަށް ވެސް ގާނޫނޫ އަސާސީން ލާޒިމު ކަމެއް ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ޝަރުއީ އަދި ގާނޫނީ ސައްހަކަން ކަނޑައެޅުމަށްޓަކައި އެއްވެސް އިޖުރާތެއް ހިންގުމަށް ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ޖާގަދީފައި ނުވާ ކަމަށާއި އެ އުސޫލު އޮންނަނީ ގާނޫނުގެ ހުކުމް ނެގެހުއްޓުމަށްޓަކައި ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކާއި ނިންމާ އެއްވެސް ނިންމުމަކަށް ތަބާނުވެ، އެ ނިންމުމަށް ފުރަގަސްދީ، އަމަލު ނުކުރުމުގެ ބާރަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފި ނަމަ، ހުރިހާ ފަރާތްތަކުން އެ ކޯޓުން ނިންމާ ނިންމުމަށް އަމަލު ކުރުން ލާޒިމް ވާނެ ކަމަށާއި ޝަރުއީ ސައްހަކަން ކަނޑައެޅުމަށް އެއްވެސް އިޖުރާއަތެއް ހިންގަން ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީން ފުރުސަތު ދީފައި ނެތް ކަމަށް މާޖިދު ވިދާޅުވިއެވެ.