ރ. އުނގޫފާރު ތޮށިމައްޗަށް ލޯންޗެއް އަރައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތޮށިމައްޗަށް އަރާފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓަށް ފުރި ''ކެރީމީ'' ލޯންޗް ކަމަށާއި ލޯންޗް ތޮށިމައްޗަށް އެރީ ފަޅުން ނުކުތް ވަގުތު އެ ލޯންޗްގެ އިންޖީނު ހަލާކުވެ ނެރުމައްޗަށް ހުއްޓުމުގެ ސަބަބުން ކަމަށެވެ.
އެ ހާދިސާގައި ދިވެއްސަކަށާއި ދެ ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުން އުނގޫފާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުންނަށް ބޮޑެތި އަނިޔާ ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެވަގުތު ލޯންޗްގައި ތިބީ ޖުމްލަ ފަސް މީހުން ކަމަށާއި އުނގޫފާރު ރައްޔިތުން ނުކުމެ މިހާރު ލޯންޗް ފަޅުތެރެއަށް ވައްދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އުނގޫފާރު ތޮށިމައްޗަށް ލޯންޗެއް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 2:40 ގައި ކަމަށެވެ.
އަދި އެހާދިސާގައި އަނިޔާވި މީހުންގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ގޮސް މައުލޫމާތު ސާފުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.