ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސް ތަކާ ގުޅުވައިގެން، އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައި އެކަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅައި އެންގީ އެ ކޯޓުން ދާދި ދެންމެ ނެރުނު އަމުރެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް، ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަަޅައި، ރައްޔިތުންގެ މަޖިލީހުން ފާސް ކުރިތާ މާގިނައިރެއްނުވެ ނެރުނު މި އަމުރުގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ، ކޯޓުތަކަށްކަން ގާނޫނުއަސާސީގައި ސާފުކޮސް އެނގެން އޮންނަ ކަމަށެވެ.
އަދި އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ކަށަވަރު ކޮށްދީފައި އޮތުމާއި، ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ، އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއސާސީބުނެފައިވާކަމަށްވެސް ބުނެފައިވެއެވެ.
ޝަރުއީ ދާއިރާއާބެހޭގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑަައަޅާފައިވާ ކަންތަައްތައް ފާހަކޮށް އެ ކަންތައްތަކަސް ރިއާޔަތްކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ރައްޖޭގެ ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި މައުލޫމީ ގޮތުން ނުވަތަ އިޖުރާއީގޮތުން ވިޔަސް ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުން ގޯސްކަމަށްބުނެ ސުލޫކީގޮތުން އެއްވެސް ސިފައެއްގައި ފަނޑީޔާރުން ޖަވާބުދާރީ ކުރުވައި ފަނޑޔާރުންގެ މައްޗަށް އެއްވެސ ބާވަތެއްގެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޝަރުއީ އަދި ގާނުނީ ގޮތުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހުތިސާސެއްނޫންކަމަށެވެ.
"ފަނޑީޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނުނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސް ކަމަށްބުނެ ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއްކަމަށް ކަނޑައަޅައި އެކަން ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަަކަށް އަންގާ،" ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.