އަލީ ހުސައިން

ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ނޫނީ ފަނޑިޔާރުގެ އިސްލާހެއް ނުކުރެވޭނެ: އަލީ ހުސެއިން

އިބްރާހިމް ޒަކީ

ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައިވާގޮތަށް ބަދަލު ނުގެނެސް ރާއްޖޭގެ ފަނޑިިޔާރުގެ އިސްލާހު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ނުފޫޒު ފޯރުވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ދިވެހި ރައްޔިތުންނަށްވެސް މިއަދާ ހަމަޔަށް ނުލިބި އޮތް އެއްޗަކީ އިންސާފުވެރި ފަނޑިޔާރުގެއެއް ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި، ވެސް ރައްޔިތުން އެދެމުން ދިޔައީ އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މީގެ 10 އަހަރު ކުރިން 2009 ވަނަ އަހަރު އިންޓަވިއުއަކަށް ޖޭއެސްސީއަށް ވަޑަިއގެންވެސް، އެ ކޮމިޝަންގެ ކޮމްޕޮޒިޝަން އޮތް ގޮތުން ފަނިޑޔާރުގެ އިސްލާހު ނުކުރެވޭނެ ކަމަށް ދެންނެވިކަމަށާއި، އޭގެ 10 އަހަރު ފަހުން މިހާރުވެސް އެބަސް ތަކުރާރު ކުރައްވާ ކަމަށެވެ.

"ގާނޫނުއަސާސީގައި މިހާރު މިއޮތް ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން އޮވެގެން އަދި ގާނޫނުތަކުގައި މިއޮތް ގޮތަށް ކޯޓުތަކުގެ ބާރާއި ނުފޫޒު މި ގޮތަށް އޮވެގެންނެއް ދިވެހި ރާއްޖޭގެ ޖުޑިޝަރީއެއް އިސްލާހެއް ނުކުރެވޭނެ،" އަލީ ހުސެއިން ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، މާދަމާއަށްވެސް އަދި އަންނަން އޮތް ހަފްތާއަށްވެސް އިންސާފު ކަށަވަރުކޮށްދޭން ޖެހޭތީ ވަގުތީ ގޮތުންވެސް ޖުޑިޝާރިއާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަނެ ރައްޔިތުން ބޭނުންވާ ގޮތަށް ޖުޑިޝަރީ އިސްލާހުކުރަން އެބަޖެހޭ ކަމަށެވެ.

"އެހެންކަމުން ކޮރަޕްޝަންގެ ތުހުމަތާއި އެކި ފާޑުގެ ތުހުމަތުތައް ކުރެވިފައި ތިބި ފަނޑިޔާރުންނަށް މިވަގުތުން މިވަގުތަށް، މިހާރުން މިހާރަށް ވެސް އަޅުގަނޑުމެން ފިޔަވަޅުއަޅަން އެބަޖެހޭ،" އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީއަށް ބަދަލު ގެންނައިރު، ސުޕްރީމްކޯޓަށް ލިބިފައިވާ ވިރާސީ ބާރަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި މީހަކު މައްސަަލައެއް ހުށަހެޅުމުން ނޫނީ ކޯޓުތަކަށް މައްސަލަ ނުބެލޭނެ ގޮތަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.