އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް، ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަަޅައި، ރައްޔިުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.
އެގޮތަށް މަޖިލީހުން ކަނޑައަޅައި ފާސްކުރީ، މިމަހުގެ 13 ވަނަ ދުވަހު ޖޭއެސްސީގެ މެންބަރުން ރައްްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމުން، އެ މެންބަރުން ދެއްވި މައުލޫމާތު ތަކަށް ބިނާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ހިމަނައިގެންނެވެ.
އެ ރިޕޯޓް މަޖިލީހަށް ހުށަހަޅާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައެޅުމަށެވެ.
އެހެންކަމުން ރިޕޯޓްގައި އެކަން ހިމެނުމުން، ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށާއި، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން އުވާލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ގަބޫލު ނުކޮށް، ސަސްޕެންޝަން ކުރިއަށް ގެންދިޔުމަށް މިމަހުގެ 12 ވަނަ ދުވަހު ޖުޑިޝަލް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައަޅައި މިވަނީ ފާސްކޮށްފައެވެ.
ރިޕޯޓްގައި އެ ނިންމުން ހިމެނުމަށް ފާސް ކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެ އިސްލާހު ހިމަނައިގެން އެ ރިޕޯޓް މަޖިލީހުން ފާސް ކުރީވެސް އެ އަދަދަށް ވޯޓު ދެއްްވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޕޯޓުގައި، ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެެރެއަށް ސުޕްރީމް ކޯޓުން ނުވެންނެވުމަށް ވެސް މަޖިލީހުން ވަނީ އިލްތިމާސްކޮށްފައެވެ.