ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރު ދީދީގެ މައްސަލައިގެ ހުރިހާކަމެއް ބާތިލްކަމަށް ސުޕްރީމްކޯޓުން ކުރި އަމުރު ގާނޫނާ ހިލާފުކަމަށް ކަނޑައަޅަނީ

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުން ބޭރުން، އަދި ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ރައްޔިުންގެ މަޖިލީހުން ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް، އެ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި އެ ކޮމެޓީގެ މެންބަރެއް ކަމުގައިވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން މައްސަލަައާ ބެހޭގޮތުން ކުރިއަށް ގެންދާ ކޮންމެ ކަމެއް ބާތިލް ކަމަށް އަމުރު ނެރުމަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ޖޭއެސްސީންނާއި މަޖިލީހުން އެކަމާބެހޭ މަަސައްކަތް ކުރުމުގެ ކުރިން، ކުރިއާލައި އެކަންކަން ބާތިލްކޮށް ނެރެފައިވާ އަމުރެއް ކަމަށާއި އެފަދަ ބާރެއް ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މިމަހު 12 ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަަލައިގައި، އެ ސަސްޕެންޝަން ފަސްކޮށް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމެހެއްޓުމަށް ޖޭއެސްސީން ނިންމި ނިންމުން ފާހަގަކޮށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޖޭއެސްސީގެ އެ ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލައަކީ، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމުން އެ ސސްޕެންޝަން އުވާލުމަށް ސުޕްރީމް ކޯޓުން ނެރުނު، އަމުރު ގަބޫލު ނުކޮށް ސަސްޕެންޝަން ކުރިއަށް ގެންދަން ޖޭއެސްސީން ނިންމި ނިންމުމަށް ގާނޫނީ ބާރު ދޭން ހުށަހަޅާފައިވާ މައްްސަލައެކެވެ.