އިބްރާހިމް ޒަކީ
ނޮވެމްބަރު ތިނެއްގެ އުދުުވާނުގައި އިސްކޮށްހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހަޅުއްވާފައިވަނީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ލުތުފީ އިސްކޮށް ހުންނަވައިގެން، އަވަށްޓެރި ސްރީލަންކާގެ، ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު 3 ނޮވެމްބަރު 1988 ގައި މާލެ އަރައި ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވިއެވެ.
އެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި ނަމަވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ލުތުފީގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރެއްވިއެވެ.
ލުތުފީ ފިލާފައިވަނީ، އެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ޖަލުގައި ހުއްޓައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުންނެވެ.