އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެދި މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.
އެގޮތަށް މަޖިލީހުން ކަނޑައެޅުމަށް ހުށަހެޅީ، މިމަހުގެ 13 ވަނަ ދުވަހު ޖޭއެސްސީގެ މެންބަރުން ރައްްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމުން، އެ މެންބަރުން ދެއްވި މައުލޫމާތު ތަކަށް ބިނާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ހިމަނައިގެންނެވެ.
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި މި ރިޕޯޓްގައި ބުނެފައިވަނީ، ޖޭއެސްސީއަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބައްލަވަމުންގެންދާ މައްސަލަ ތަކާއި ފަނޑިޔާރުން ޗުއްޓީއަށް ދިޔުމުން ކަންތައް ކުރިއަށް ގެންދަންް އޮންނަ އުސޫލު ޖުޑިޝަރީ ކޮމިޓީން އޮޅުން ފިލުވާފައިވާކަމަށެވެ. އަދި ޖޭއެސްސީގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރުކޮށް ނެގި މައުލޫމާތުތަކުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށާއި ފަނޑިޔާރުންގެ ފެންވަރު ބެލުމަށް، ޖޭއެސްސީން ކުރާ މަސައްކަތްތަކުގެ އިތުރުން، ޖޭއެސްސީ ގެ ގާނޫނީ އިހުތިސާސްތުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ ހުރަސްތަކެއް ކުރިމަތިކުރުވާކަން ކޮމިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ޖޭއެސްސީން ނިންމާ ނިންމުން ތަކަކީ ގާނޫނީބާރު ފުރިހަމައަށް އޮތް ނިންމުންތަކެއް ކަމަށާއި މިގޮތުން ޖޭއެސްސީން 12 ޖޫން ގައި ނިންމި ނިންމުމަކީ ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ވެއެވެ.
މީގެ އިތުރުން ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެެރެއަށް ސުޕްރީމް ކޯޓުން ނުވެންނެވުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ވެސް މި ރިޕޯޓްގައި ހިމަނާފައިވެއެވެ.