ބަތަލާ ކްރިތީ ސާނޮންއަށް މިއަަހަރުގެ ފެށުން ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. ކާތިކް އާރްޔަން އާއެކު ކުޅުނު ފިލްމު "ލުކާ ޗުޕީ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ކްރިތީ މިހާރު ހުރީ ރައްޓެހިންނާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގަ އެވެ.
ރާއްޖޭގައި އުޅޭކަން ކްރިތީ ހިއްސާކުރީ އޭނާގެ އިންސްޓަގްރާމުގައެވެ. ރައްޓެހިންނާއެކު ރާއްޖޭގެ ބީޗުގައި ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން އޭގެ ކެޕްޝަނުގައި އޭނާ ލިޔެފައިވަނީ "ވައިބިން ވިތް މައި ޓްރައިބް" އެވެ.
މީގެ އިތުރުން އޭނާ ވަނީ ރިސޯޓުގައި ބައިސްކަލު ދުއްވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. ކްރިތީ އަކީ ދަތުރު ކުރުމަށް ފޯރި ހުންނަ ތަރިއެކެވެ. އޭނާގެ އިންސްޓަގްރާމުގައިވެސް ގިނައީ ޗުއްޓީ ދަތުރުތަކުގެ ފޮޓޯ ތަކެވެ. މިދިޔަ މަހުވެސް ކްރިތީ ވަނީ ޓާކީއަށް ގޮސް ޗުއްޓީ ހޭދަކޮށްފައެވެ.
އިންސްޓަގްރާމު ޕޯސްޓުގެ އިތުރުން އިންސްޓާ ސްޓޯރީގައިވެސް ކްރިތީ އަންނަނީ ރާއްޖޭގައި ހޭދަކުރާ ވަގުތުތައް ހިއްސާކުރަމުންނެވެ. ރާއްްޖޭގެ ރީތި ކަމާއި ރާއްޖޭގައި ނަގާ މަޖާތައް ކްރިތީ އަންނަނީ އޭނާގެ ފޭނުންނަށް ހިއްސާކުރަމުންނެވެ.
ރޭގެ ފުލްމޫންގެ ފޮޓޯއެއްވެސް ކްރީތީ ވަނީ ހިއްސާކޮށްފައެވެ.
ކްރިތީގެ ފޮޓޯ ކެޕްޝަން ތަކުން ފެންނަ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނިޔާމަ ރިސޯޓުގައެވެ.
ކްރިތީ މިދުވަސްވަރު ތައްޔާރު ވަމުން އަންނަނީ ފިލްމު އަރްޖުން ޕަޓިއާލާގެ ޕްރޮމޯޝަނުގެ މަސައްކަތަށެވެ. އެ ފިލްމުގައި ދިލްޖިތް ދޮސާންޖް އަދި ވަރުން ޝަރްމާވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.
ފިލްމުގައި ކްރިތީ ކުޅެނީ ކްރައިމް ޖާނަލިސްޓެއްގެ ރޯލެވެ. ފިލްމު ރިލީސް ކުރަނީ ޖުލައި 19 ގައެވެ.