ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ކޮންމެ ރަށަކުންވެސް 20 މިނެޓްތެރޭގައި އެއާޕޯޓަކަށް ދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހަކަމާއެކު ދެވޭނެ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އިތުރަށް ބޭނުންވަނީ ފަސް ވަރަކަށް އެއާޕޯޓް ކަމަށެވެ.
ފަައްޔާޒު ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހުރިހާ ރަށަކާ ވެސް ކައިރިން އެއާޕޯޓެއް ހެދުމުގެ އަމާޒަށް ވާސިލްވާން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ބައެއް އެއާޕޯޓްތައް މިހާރު ހުރީ ނިމުމުގެ މަގުމަތީގަ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިހާރުވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެންނައިރު މަސައްކަތްކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއް ތަނުން އަނެއް ތަނަށް ދާން ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ ސަރުކާރުގެ ވިސްނުމަކީ ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެރީގެ ހިދުމަތްވެސް ތަރައްގީކުރުން ކަމަށް ވިދާޅުވިއެވެ.
މިފޯރަމުގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރަން ސަރުކާރުން އެކުލަވައިލި ޕްލޭން ހުށަހެޅުމުން ކުވައިތުގެ ފަންޑުން އެހީވާނެ ކަމަށް، ފޯރަމްގައި ބައިވެރިވި ކުވެއިތުގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.
އޭގެ ތެރޭގައި ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅުވައިލުމަށްޓަކައި ސަރަހައްދީ ފަސް ހަބެއް ގާއިމު ކުރަން ކުވައިތުން އެހީވުމަށްވެސް ވަނީ ނިންމާފައެވެ.