ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށް ސުޕްރީމް ކޯޓުން ނިންމާ އަމުރުކޮށްފިއެވެ.
މިމަހު ބާރަވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަަލައިގައި، އެ ސަސްޕެންޝަން ފަސްކޮށް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމެހެއްޓުމަށް ޖޭއެސްސީން ނިންމުން ފާހަގަކޮށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޖޭއެސްސީގެ އެ ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.
އަދި ޖޭއެސްސީގެ އެ ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ގާނޫނު އަސާސީ އާއި ޖޭއެސްސީއަށް ލިބިފައިވާ ގާނޫނީ އިހްތިސޯސުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ލިބިގެންވަނީ ދިވެހި ރާއްޖޭގެ ކޯޓުތަކަށް ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓާއި ހައިކޯޓާ އަދި ގާނޫނަކުން ކަނޑައެޅިފައިވާ ދަށު ކޯޓުތަކަށް ކަމަށާއި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިއަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި އަމުރުކޮށްފައިވާހިނދު، އަދި ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ގާނޫނު އަސާސީ އާއި ގާނޫނު މާނަ ކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަ ތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ކަނޑައަޅާފައިވޭ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
އެ އަމުރުގައި އިތުރަށް ބުނެފައިވަނީ، ޖޭއެސްސީގެ އެ ނިންމުމަކީ ކޮމިޝަންގެ މެންބަރުންގެ ހުވައިގެ އިތުރުން ސުލޫކީ މިންގަނޑާ ހިލާފަށް އަދި ކޯޓުގެ ހުރުމަތް ކެނޑި އަދުލު އިންސާފަށް ހުރަސް އެޅޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ޖޭއެސްސީން ނިންމާ ކޮންމެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ކަމާބެހޭ އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މިގޮތަށް ކަނޑައަޅާފައިވާއިރު، ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނީބާރު އޮތް ނިންމުމެއްކަމަށް މަޖިލީހުން ކަނޑައަޅަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.