އިންތިޚާބީ ރައީސް ހުވާކުރައްވާނެ ތާރީޚަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރީން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުން މުހިންމު ކަމަށް ގަބޫލުކުރައްވާ ކަމުގެ އިޝާރާތެއް ހިންނަވަރު ދާއިރާގެ މެންބަރު އަދި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވައިފި އެވެ.
އިންތިޚާބީ ރައީސް ހުވާކުރައްވާނެ ތާރީޚެއް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަމުން ސޯލިހު ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި ދުވަހެއްގެ ކޮޅުން ވެސް އެމަނިކުފާނަށް ބަޔަކު އެފަދަ ތުހުމަތެއް ކުރާނެ ފުރުސަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"މިފަދަ މައްސަލަަތައް ނިންމަން ޖެހޭނީ މުތުލަގަށް ހުރިހާ މެންބަރުންނަށް ވެސް އެއްބަސް ވެވޭ ގޮތަކަށް. އެހެން ކަމުން މި ކަމުގައި ވީހާވެސް ރަނގަޅަށް ވާހަކަދެކެވި އެންމެންނަށް އެއްބަސްވެވޭ ހައްލެއް ގެންނަން ޖެހޭ." ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް ހުވާކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި ފަހުން ވެސް މީހަކު އެހެން ބުނާނެ ޖާގައެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑު ބޭނުމެއް ނޫން ޒަމާނެއްގެ ކޮޅުން ވެސް ސުޕްރީމް ކޯޓުން ބަޔަކު ގޮސްގެން އެހެން ގޮތަކަށް ނިމޭތަން ދެކޭކަށް." ސޯލިހު ވިދާޅުވި އެވެ.