ޝަހީދާ އަބްދުﷲ ސައީދު
ބޭރު ގައުމުތަކަށް ހަނގުރާމައަށް ގޮސް އަންނަ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި އެމީހުން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތައް މަޝްވަރާކުރުމަށް ރާއްޖޭގައި މިއަދު ފެށި ފޯރަމު ކުރިއަށްދަނީ އިސްކަންދަރު ކޮށީގައެވެ.
މި ފޯރަމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އެކި ގައުމުތަކުގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ދިޔުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
އެފަދަ މީހުން ރާއްޖެ ގެނެސް އެމީހުނާ މެދު އަމަލުކުރާނެ ގޮތްތަށް ހޯދަން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމަށް މިހާރު އެކުލަވާލާފައިވާ އޮނިގަނޑަށް ވުރެ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ހަމީދު ވިދާޅުވިއެވެ.
އޭގެ އިތުރުން މި ސަރަހައްދުގައި ވެސް ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑަށް އޮތް އިރު އަވަށްޓެރި ސްރީ ލަންކާގައި ދިިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ވެސް ރާއްޖޭގައި އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށް ހަމީދު ވިދާޅުވިއެވެ.
މިމަހުގެ ނަވާރައިގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ތައިލެންޑް، މިޔަންމާ، އަފްޤާނިސްތާން އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތުން 26 މަންދޫބުން ބައިވެރިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި ޓެރަރިޒަމްއާ ދެކޮޅަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ހިއްސާކޮށް، ގައުމުތަކުގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، އޭޝިއާ ރީޖަނަލް މެނޭޖަރ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ކޮމާންޑަރ ގްލެންޑް މެކްއެވަން އާއި، އެކްޓިންގ ކޮމާންޑަރ ޕައުލާ ހަޑްސަންއާއި، ސީނިއަރ ލިއޭޒަން އޮފިސަރ ސްޓްއަރޓް އެލަންގެ އިތުރުން ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުންނާއި ފޯރަމްގައި ބައިވެރިވާ ގައުމުތަކުގެ މަންދޫބުން ބައިވެރިވެލެއްވިއެވެ.