ޕޮލިސް

މަތިންދާ ބޯޓު ތެރޭގައި ޖިންސީ ފުރައްސާރަކުރި މީހާ ވަޒީފާއިން ވަކިކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާލެއިން އައްޑޫއަށް ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި ދަތުރުކުރި އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބިދޭސީ ޓީޗަރު، ވަޒީފާއިން ވަކިކޮށްފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވީ ފްލައިޓް ތެރޭގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ފެންމަތިވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެދުވަހު އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ އިއްޔެ ކަމަށް ވިދާޅުވިއެވެ.

އަދި އެމައްސަލަ ޔުނިވާސިޓީގެ ފަރާތުންވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެ ކަމަށް ޝާހީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ''އަނީސް މަރިއަމަތިއަސް" ކިޔާ އެމީހާ އަކީ މިއަހަރު އެ ޔުނިވާސިޓީއަށް ގެނައި މީހެއް ކަމަށާއި އޭނާއަކީ ތިނަދޫ ކެމްޕަސްގައި ފާމަސީ ކޯހުގެ މާއްދާތަކެއް ކިޔަވައިދެމުން އަންނަ މީހެއް ކަމަށެވެ.

ފުލައިޓުތެރޭގައި އަންހެން މީހާގެ ކުރިމަތީ ސީޓުގައި އިން ބިދޭސީ މީހާ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯއެއް އަންހެންމީހާ ވަނީ، ޝޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ އަންހެން މީހާގެ ކުރީ ސީޓްގައި އިނދެ، ގޮނޑީގެ ދޭތެރެއިން ފަހަތަށް އެނބުރި ހަޑި ހުތުރު ވައްތަރު ޖައްސައި ހަދާ މަންޒަރު ފެނެއެވެ. އެވެ. އަދި ބިދޭސީ މީހާގެ ފޯނުން، ފޮޓޯއެއް ދައްކާ މަންޒަރު ފެނެއެވެ.