ރީކޯ މޫސާ މަނިކް

މަޖިލީހުގެ ނިންމުންތަކަށް ފަނޑިޔާރުގެއިން ގޮތް ނިންމީމަ މަޖިލީހުގެ ބާރުތައް ކެނޑޭ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ނިންމުން ތަކަށް ފަނޑިޔާރުގެތަކުން ގޮތް ނިންމީމަ އެ މަޖިލީހުގެ ބާރުތައް ކެނޑޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަމުން، ބަހުސް މަރުހަލާގައި މެންބަރަކު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދެއްވި ޖަވާބުގަ އެވެ.

"މަޖިލީހުގެ ކަންކަން މަޖިލީހުން ނިންމެން ވާނެ. އެކަންކަން އެހެން ފަރާތްތަކަށް ބަދަލުވެސް ކުރެވިގެން ނުވާނެ." މޫސަ ވިދާޅުވި އެވެ.

ދާދި ފަހުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް މޫސަ ވަނީ މައްސަަލައާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ ކަންކަން އެހެން ތަނަކުން ނިންމީމަ ވަރަށް ބޮޑަށް އުނދަގޫވާފުޅުވާ ކަމަށާއި އެއީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގައި ވަކި ގޮތެއް ނުނިމި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްސަލަތައް ހުރުމުން އެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި މޫސަ ވަނީ އުއްތަމަ ފަނޑިޔާރަށް ވެސް ސިޓީއަކުން ދަންނަވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ގިނަ ދާއިރާތަކެއް ތަމްސީލު ނުވާ ގޮތަށް ޖަލްސާތައް ކުރިޔަށް ގެންދެވުމަކީ ގާނޫނާއި ގަވައިދާ ޚިލާފު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މޫސަގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.