އިބްރާހިމް ޒަކީ
ކަންކަމުގައި އެންމެ ފަހުބަސް ބުނާނީ ރައްޔިތުން ކަމަށާއި، ރައްޔިތުންގެ ފަރާތުން އެންމެ ފަހުބަސް ބުނާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އިންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދަޅުވެެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކުރި ފާސްކުރުމުގެ ބަހުސް ކުރިއަށްދިޔައި، މަޖިލީހަށް އެގޮތަށް ނުނިންމޭނެކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ދެއްކެވި ވާހަކައަށް ޖަވާބު ދެއްވަމުންނެވެ.
އެ ނިންމުމާ ދެކޮޅު ހައްދަވައި އަލީ ހުސެއިން ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތައް މަޖިލީހަށް ގެނަސް އެއީ ގާނޫނީ ބާރު ލިބިގެންވާ ނިންމެއްތޯ، ނުވަތަ ނޫންތޯ ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންނުވާ ކަމަށެވެ. އަދި މަޖިލީހުން އެގޮތަށް ނިންމަން ފަށައިފިނަމަ މަޖިލީހަށް މަސައްކަތް އެކުރެވެނީ ހުކުމް ކުރާ ކޯޓެއް ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގެ މަތިން މަޖިލީހަށްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި، މަޖިލިސް ވެސް މަސައްކަތް ކުރަން ވާނީ ގާނޫނުއަސާސީގެ ދަށުން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިންއަށް ޖަވާބު ދެއްވައި ހަސަން ލަތީފު ވިދާޅުވީ، މިނިވަން މުއައްސަސާތައް އެ މިނިވަންކަމުގައި ބޭއްވުމަށާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތް މިނިވަންކަމާއެކު ކުރިއަށްދޭތޯ ބެލުމަކީ މަޖިލީހުގެ މެއިންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.
އަދި ޖޭއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރުމުން ދެއްކި ވާހަކަތަކުގައި ސުޕްރީމްކޯޓުގެ ނުފޫޒު އެ ކޮމިޝަންގެ މައްޗަށް ފޯރުވާކަން ސާބިތުވާކަމަށެވެ. އަދި އިވޭ އަޑުކަތާއި ފެންނަންހުރި ކަންތައްތަކަށް ބަލާއިރުވެސް އެތައް ދުވަހަކުން ފެށިގެ ޖޭއެސްސީ ވާކޮށްލާފައިވާއޮތް ކަން ހާމަކޮށް އެނގެންއޮތް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ޖޭއެސްސީ އެ ހާލަތުގައި އޮއްވައި ބަޔަކު ގޮސް ގިނަކަންތައްތަކެއް ކުރަމުންދާއިރު، ސުޕްރީިމް ކޯޓުން ޖޭއެސްސީއަށް އަތް ބާނައިގެން ހިންގާ ކަންކަން ރަނގަޅުނޫންކަމަށް ބުނަންއޮތް ހަމައެކަނި މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
"މަޖިލީހުގެ ވަރަށްބޮޑު ޒިންމާއެެއް އެއީ، އަދި ކޮމިިޓީގެވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއް އެއީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާލަމެންޓްރީ ސުޕްރަމަސީއެއް އޮވޭ. އަދި ޖުޑިޝަރީވެސް ގޯސްކޮށް ކަމެއް ކުރީމަ، މީ ހަގީގަތުގައި އެންމެ ފަހުބަސްބުނާ ތަނަކީ. އެންމެ ފަހުބަސްބުނާ ތަނަކީ ރައްޔިތުންކަން އަޅުގަނޑު ގަބޫލު ކުރަން، އެހެންނަމަވެސް ރައްޔިތުންގެ ފަރާތުން އެންމެ ފަހުބަސްބުނާ ބަޔަކީ ރައްޔިތުންގެ މަޖިލިސް،" ހަސަން ލަތީފު ވިދާޅުވިއެވެ.