އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަމަށް ރައްޔިތުުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީިން މިގޮތަށް ނިންމީ، އެ ކޮމިޓީއަށް ޖޭއެސްސީގެ މެންބަރުން ހާޒިރުކުރުމުން އެ މެންބަރުން ދެއްވި މައުލޫމާތު ތަކަށް ބިނާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވާކަން ކޮމިޓީއަށް ފާހަގަ ކުރެވިފައިވާތީ ކަމަށް ބުނެ އެވެ.
މިކަމާބެހޭގޮތުން ކޮމިޓީިން އެކުލަވައިލި ރިޕޯޓްގައި ބުނެފައިވަނީ، ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ޖޭއެސްސީން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުންތަކެއް ކަމަށާއި މިގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން 12 ޖޫން 2019ގައި ނިންމި ނިންމުމަކީ ވެސް ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށެވެ.
އަދި ދައުލަތުގެ އެހެންބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސްކުރުމަށް މަޖިލީހުން ފާސްކުރުމަށް ވެސް ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
މި ރިޕޯޓް ކޮމިޓީން ފާސްކޮށްފައިވަނީ، ރޭ އެ ކޮމިޓީގެ ބައްދަލުވުގައި ބައިވެރިވަޑައިގެންނެވި ހަ މެންބަރުުންގެ ތެރެއިިން 5 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގޮތަށް ނިންމަން ވޯޓު ނުދެއްވަނީ އެ ނިންމުމާ ދެކޮޅަށް ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.
އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުން ވިޔަސް އަދި ޖޭއެސްސީން ވިޔަސް، ގާނޫނާ ޚިލާފަށް ކަމެއް ކުރާ ކަމަށް މަޖިލީހަށް ގަބޫލުކުރެވޭ ނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅައި މަގާމުން ދުރުކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެ މުއައްސަސާތަކުން ނިންމާ ނިންމުމެއް ގާނޫނާ ޚިލާފުތޯ ނުވަތަ ނޫންތޯ މާނަކޮށް ގޮތެއް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ.