ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށްދިނުމުގެ ގަރާރު ބަލައިގަނެ، އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި.
އެ މައްސަލަ ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 48 މެމްބަރެއް. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ހަތަރު މެމްބަރެއް.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި.
ކޮމިޓީއަކުން މިއަދު ނިންމި އެ ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެމްބަރުންގެ އިއްތިފާގުން.
30 މިނެޓަށް މަޖިލިސް މެދުކަނޑާލައިފި. ދެން ފެށޭނީ 18:30ގައި.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ):
މި ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ އަނިޔާތަކެއް ލިބިއްޖެ. ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންތަކަކަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައި.
ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު:
މި ގަރާރަށް ބަދަލުތަކެއް ގެންނަން ޖެހޭ. އެ އިސްލާހުތަކާއެކު އަޅުގަނޑު މި ގަރާރަށް ވޯޓު ދޭނަން. ސުޕްރީމް ކޯޓުން ނެރޭ އަމުރުތައް ތަންފީޒުކުރަން ޖެހޭނެ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް:
ރައީސް ނަޝީދުގެ ޖަލު ހުކުމް މުރާޖައާކޮށްދިނުމަށް ޕީޖީން ވަނީ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި. އަޅުގަނޑު އުންމީދުކުރަނީ ސުޕްރީމް ކޯޓުން ރަނގަޅަށް ނިންމުން ނިންމާނެ ކަމަށް. ބޭއިންސާފުން ކުރެވުނު ހުކުމެއްކަން އަޅުގަނޑު ފާހަގަކޮށްލަން. ކާނަލް ނާޒިމާއި ޝެއިހް އިމްރާން އަދި އެހެން ބޭފުޅުންނަށް ވެސް ބޭއިންސާފުން ހުކުމްތަކެއް ކުރެވިގެންދިޔަ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް:
ރައީސް ނަޝީދާއި ޝެއިހް އިމްރާނާއި ކާނަލް ނާޒިމަށް ކޮށްފައިވާ ހުކުމްތަކަކީ އިންސާފުން ކޮށްފައިވާ ހުކުމްތަކެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ވޭތުވެދިޔަ ތަނުގައި ބޭއިންސާފުން ތަހުގީގުތައް އަދި ޝަރީއަތްތައް ހިންގާފައިވޭ. ރައްޔިތުން ބޭނުންވަނީ އެއްވެސް ބިރުވެރިކަމެއް ނެތި އުޅެން.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް:
ރައީސް ނަޝީދަކީ ޓެރަރިސްޓެއް ނޫން. އެއީ އޯގާތެރި ވެރިއެއް ކަމަށް އެންމެންވެސް ދަންނާނެ. މިއީ ސިޔާސީގޮތުން ރައީސް ނަޝީދަށް ކުރި ހުކުމެއް ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަނީ. އެއީ ރައީސް ޔާމީން ކުރި ކަމެއް ކަމަށް އެމަނިކުފާނު ވެސް ވަނީ ވިދާޅުވެފައި. އެތައް ބަޔަކަށް ލިބެމުންމިދާ އަނިޔާތަކަށް ނިމުމެއް ގެންނަންޖެހޭ. ނުހައްގުން އަނިޔާދެމުންދާ އެންމެން މިނިވަންކުރަން ޖެހޭ.
ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން:
ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމަކީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކޮށްފައިވާ ހުކުމެއް. އެއީ ސިޔާސީ، ހަސަދަވެރި ހުކުމެއް. އެ ހުކުމަކީ ޖުޑީޝަރީގެ މަދުބަޔަކު އިސްވެތިބެ ކޮށްފައިވާ ހުކުމެއް.
އަބްދުﷲ ޝާހިދު:
އެކި ޕޯޑިއަމްތަކުގައި ރައީސް ނަޝީދު މިނިވަންކުރުމުގެ ވާހަކަތައް ދައްކާތާ ލައްކަ ދުވަސް ވެއްޖެ. މިއަދު މިނިވަން ކަމާއެކު މި މަޖިލީހުގައި އެ ވާހަކަ މިދެކެވެނީ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ:
ރައީސް ނަޝީދަށް އިއްވީ ސިޔާސީ ހުކުމެއް. އެއީ ސިޔާސީ ހުކުމެއްކަން އެނގެނީ ހަމައެކަނި ރައީސް ޔާމީންގެ ނައިބު ރައީސް ނުވަތަ ފަންޑިތަވެރިޔާގެ ބަހަކުން ނޫން. އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެ ވެސް ހެކިދޭ. ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ގޮވާލި އެއީ ސިޔާސީ ހުކުމެއްކަން. އަދި ވަގުތުން ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލި. ހައްގު ބަސް ބުނުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް. ޝެއިހް އިމްރާނާއި ކާނަލް ނާޒިމް ވެސް ދޫކޮށްލުމަށް އދ. އިން ވަނީ ގޮވާލާފައި. މިކަންކަމަށް އަޅުގަނޑުމެން ހައްގު ބަސް ބުނަން ޖެހޭ. ރައީސް ނަޝީދު ވެސް އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިއްޖެ. މިނިވަނެއްގެ ގޮތުގައި. ޝެއިހް އިމްރާނާއި ކާނަލް ނާޒިމް ވެސް މިނިވަންކުރަންޖެހޭ. ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަން ފައްޓަވާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުން ހައްގު ބަސް ބުނުމުގައި ތިބެން ޖެހޭނެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށްދިނުމަށް ހުށަހަޅުއްވާފައިވާ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށް ފާސްކޮށްފި.
ހާޒިރުވި މެމްބަރުންގެ އަދަދު: 69
ފެންނަ ކަމަށް: 53 ވޯޓު
ނުފެންނަ ކަމަށް: 6 ވޯޓު
ވަކިގޮތަކަށް ވޯޓު ނުދޭ: 6 މެމްބަރުން
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 59
ފާސްވުމަށް ބޭނުންވާ އަދަދު: 30
މަޖިލީހުގެ ކުއްލި ޖަލްސާ ފެށިއްޖެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރާނެ ދުވަހެއް ކަނޑައަޅަން މިއަދު ހަވީރު 4:00ގައި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައި.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމުގައި ކޮމެޓީން ފާސްކޮށްފި.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
ކެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހަޅުއްވައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތާއިދުކުރެއްވި ހުށަހެޅުން ފާސްވެއްޖެ.
ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ތާރީހެއް ކަނޑައެޅުމަށް ހަތް މެމްބަރުންގެ ކޮމިޓީގައި ހިމެނުމަށް އަބްދުﷲ ރިޔާޒް ހުށަހެޅުއްވި މެމްބަރުން:
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު.
މީދޫ ދާއިރު މެމްބަރު ރޮޒެއިނާ އާދަމް.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް.
މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު.
ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު.
ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު.
ހާޒިރުވި މެމްބަރުންގެ އަދަދު: 72
ފެންނަ ކަމަށް: 68 ވޯޓު
ނުފެންނަ ކަމަށް: ނެތް
ވަކިގޮތަކަށް ވޯޓު ނުދީ: އެއް މެމްބަރު
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 68
ފާސްވުމަށް ބޭނުންވާ އަދަދު: 36
އިންތިހާބީ ރައީސާއި އިންތިހާބީ ނައިބު ރައީސް ހުވާކުރައްވާނެ ތާރީހެއް ކަނޑައެޅުމަށް ހަތް މެމްބަރުންގެ ކޮމިޓީއަކަށް ހުށަހެޅުމަށް ފާސްވެއްޖެ.
ހާޒިރުވި މެމްބަރުންގެ އަދަދު: 72 ވޯޓު
ފެންނަ ކަމަށް: 68 ވޯޓު
ނުފެންނަ ކަމަށް: އެއް ވޯޓު
ވަކިގޮތަކަށް ވޯޓު ނުދޭ: އެއް މެމްބަރު
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 69 މެމްބަރުން
ފާސްވާން ބޭނުންވާ ވޯޓުގެ އަދަދު: 36
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިިބު ރައީސް ހުވާކުރައްވާނެ ތާރީހަކީ 11 ނޮވެމްބަރު 2018 ކަމަށް ކަނޑައެޅުމަށް ފާހެއް ނުވި.
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 72
ފެންނަ ކަމަށް: 9 ވޯޓު
ނުފެންނަ ކަމަށް: 32 ވޯޓު
ވަކިގޮތަކަށް ވޯޓު ނުދޭ މެމްބަރުންގެ އަދަދު: 2
ފާސްވާން ބޭނުންވާ އަދަދު: 20
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތަށް ފާހެއް ނުވި.
ހާޒިރުވި މެމްބަރުންގެ އަދަދު: 72
ފެންނަ ކަމަށް: ދެ ވޯޓު
ނުފެންނަ ކަމަށް: 61 ވޯޓު
ވަކި ގޮތަކަށް ވޯޓު ނުދީ: ފަސް މެމްބަރު
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 63
ފާސްވާން ބޭނުންވާ ވޯޓުގެ އަދަދު: 34
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ސަލާމަތާބެހޭ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތަށް ފާހެއް ނުވި.
ހާޒިރުވި މެމްބަރުންގެ އަދަދު: 72
ފެންނަ ކަމަށް: އެއް ވޯޓު
ނުފެންނަ ކަމަށް: 66 ވޯޓު
ވަކި ގޮތަކަށް ވޯޓު ނުދީ: އެއް މެމްބަރު
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 67
ފާސްވާން ބޭނުންވާ ވޯޓުގެ އަދަދު: 34
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތަށް ފާހެއް ނުވި.
ފެންނަ ކަމަށް: 15 ވޯޓު:
ނުފެންނަ ކަމަށް 50 ވޯޓު.
ވަކިގޮތަކަށް ވޯޓު ނުދީ: އެއް މެމްބަރު.
ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަދަދު: 65 މެމްބަރުން.
މިއަދުގެ ޖަލްސާގައި ވޯޓަށް އަހާ ކަންތައްތައް:
މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގަރާރުތައް:
މަޖިލީހަށް ތައާރަފްކުރަން ޖެހޭ ބިލާއި ގަރާރުތައް އިއްވުމަށްފަހު ޖަލްސާ މެދުކަނޑާލައިފި. ވޯޓަށް އެހުމުގެ ކަންކަމަށް ވޯޓަށް އެހުން ކުރިއަށްދާނީ މެންދުރުފަހު 1:30ގައި.
ހުވާކުރެއްވުމުގެ ތާރީހެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާކުރުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައިފި. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް.
އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ):
ކުރިއަށްއޮތް ރިޔާސީ ދައުރަށް ހުވާކުރެއްވުމުގެ ވާހަކަ މިދެކެވެނީ. އެންމެން އެއްބަސްވެވޭ ގޮތަށް މިކަން ނިންމަވަން ޖެހޭނީ. ދައުރެއްގެ މުއްދަތު ކަނޑައަޅާފައިވާ ވާހަކައާއި އިންތިގާލީ ބާބުގެ މާއްދާއެއްގެ ވާހަކައަކާ ގުޅޭގޮތުން މި ވާހަކަދެކެވި، ހިޔާލު ތަފާތުވުންތަކެއް މިއުޅެނީ. ރައީސް ޔާމީން ހުވާކުރެއްވި ދުވަހަކީ 17 ނޮވެމްބަރު. މީގަައި އޮޅުފިލުވަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. ކުރިން ރައީސްކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނޮވެމްބަރު 11އަށް ފަހު ވެސް ރައީސްކަމުގައި ހުންނެވީ ކީއްވެގެންތޯ، އެއީވެސް އުފެދޭ ސުވާލެއް. ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާއިރު އަޅުގަނޑު އެދެނީ ހުރިހާ ކަމަކަށް ވެސް ބެއްލެވުމަށް. ރައްޔިތުންގެ މަޖިލިސް ދޫކޮށް ދާން ޖެހޭ ދުވަހަކީ އަޅުގަނޑު އެންމެ ހިތާމަކުރާ ދުވަސްކަމުގައި ދަންނަވަން.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ):
ފަސް އަހަރު ހަމަވާނީ 17 ނޮވެމްބަރުގައި. އެހެންކަމުން 11 ނޮވެމްބަރުގައި ހުވާކުރައްވާކަށް ގާނޫނު އަސާސީން ޖާގައެއް ނުދޭ. އިންތިގާލީ ބާބުގައި އޮންނަ މާއްދާއަކަށް އަމަލުކުރެވިގެންވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑަށް ގަބޫލުކުރެވެނީ އެންމެ ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓު ލަފަޔަކަށް އެދުން ކަމަށް. އެއީ ކޮންމެހެން މަޖިލީހުގެ ބާރު ކަނޑުވާލުމެއް ނޫން. މި މައްސަލަ ކުރިމަތިވެފައިވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން. ރައީސް ޔާމީންގެ ސަރުކާރު ފަސް ދައުރު ހަމަވުމުގެ ކުރިން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް އެދެން. ގާނޫނު އަސާސީއަށް އިހުތިރާމްކުރުމަށް އަޅުގަނޑު ގޮވާލަން. އެއީ ކޮންމެހެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެވުމަށް ހުރަސްއެޅުއްވުމަކަށް ނޫން.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި):
މާ ކުރީ ޒަމާނުއްސުރެ ކުރަމުންދިޔަ ކަމަކާ ގުޅޭގޮތުން އަޅުގަނޑުމެން މި ބަހުސްކުރަމުންދަނީ. އާދަކާދައިގެ ގޮތުން ނޮވެމްބަރު 11ގައި ހުވާކުރައްވަމުން ގެންދިޔައީ. އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 11ގައި ހުވާކުރައްވަން ޖެހޭނެ ކަމަށް ރައްޔިތުން އިއްތިފާގުވާނެ. ހިޔާލު ތަފާތުވެގެން މިއުޅޭ މައްސަލައިގައި މަޖިލީހުން އެކަމަށް ނިންމުމެއް ނިންމޭނެ. ރައްޔިތުން އެދޭގޮތަށް ނިންމެވުން މަޖިލީހުގެ މެމްބަރުންނަށް އެދެން. އެއީ ނޮވެމްބަރު 11ގައި ކަމަށް ހުވާކުރައްވަން ޖެހޭނީ.
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު:
މި މަޖިލީހުގެ ނިންމުންތަކަކީ ރައްޔިތުންގެ ނިންމުން. ފަނޑިޔާރު ގެއަށް މައްސަލަތައް ހުށަހަޅަމުންދާތީ މަޖިލީހުގެ ބާރު ކެނޑިގެން މިދަނީ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް:
އަޅުގަނޑު ގަބޫލުކުރަނީ ބަހުސް ކުރެވިގެން މިދަނީ ބަހުސް ކުރެވިގެންވާނެ ހުށަހެޅުމަކަށް ނޫން ކަމަށް. ރިޔާސީ ދައުރެއްގެ ދިގުމިން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އެބައޮވޭ. ފަސް އަހަރުގެ ދައުރެއް ކަމަށް. ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ. ނަމަވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ބޮޑެތި ޕްރެޝަރުތަކެއް އެބައޮތް. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ):
ގާނޫނު އަސާސީގައި ފަސް އަހަރުގެ ދައުރެކޭ ބަޔާންކޮށްފައި އޮވޭ. އަހަރެއްގައި ހިމެނެނީ ކިތައް ދުވަސްކަމެއް މަޖިލީހުން ނިންމިދާނެ ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑު ގަބޫލުކުރަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަވާނީ ނޮވެމްބަރު 17ގައި ކަމަށް.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް:
ދިވެހިރާއްޖޭގެ ތާރީހަށް ބަލައިލިޔަސް، ނޮވެމްބަރު 11އަކީ ރައީސްކަމުގެ ހުވާކުރައްވާ ދުވަސްކަން އެނގިގެންދޭ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު:
ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ދައުރު ފެށޭ ދުވަސް ހާމަކޮށްފައި އެބައޮވޭ. 11 ނޮވެމްބަރު ކަމަށް ބަޔާންކޮށްފައި އެބައޮވޭ.
މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް:
ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 11ގައި ފެށޭ ރިޔާސީ ދައުރަށް. އެގޮތަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީވެސް. ރިޔާސީ ދައުރެއްގެ މެދުތެރެއިން ބޭފުޅަކު އިސްތިއުފާ ދެއްވި ނަމަވެސް، ދެން އަންނަ ބޭފުޅަކު ވެސް ފުރިހަމަކުރައްވަން ޖެހޭނީ ދައުރުގެ ބާކީ ދުވަސްތައް، 11 ނޮވެމްބަރާ ޖެހެންދެން. ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންވާ ގޮތަށް އެކި ގޮތްގޮތަށް ރައީސް ޔާމީން އަމަލުކުރައްވަމުން ގެންދަވަނީ. އެހެންވީމާ އިތުރު ދުވަސްތަކެއްގައި ރައީސް ޔާމީން ވެރިކަމުގައި ހުންނެވުމަކީ ކަންބޮޑުވާ ކަމެއް.
މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު:
2013ގެ އިންތިހާބުގައި ކުރިމަތިވި ހާއްސަ ހާލަތެއްގެ ސަބަބުން މި މައްސަލަ ދިމާވީ. އަޅުގަނޑު ގަބޫލުކުރަނީ ނޮވެމްބަރު 11ގައި ހުވާކުރެވެން ޖެހޭނެ ކަމަށް. އަދި އެއީ ރައްޔިތުންގެ އެދޭގޮތް.
ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން:
އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާފައިވަނީ ވެސް ނޮވެމްބަރު 11ގައި އިންތިހާބީ ރައީސާއި ނައިބު ރައީސް ހުވާކުރައްވާ ގޮތަށް.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު:
ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަކީ ލަދުވެތިކަމަކަށް ނުފެނޭ. މިކަންކަމުގައި ހިމެނޭ ނުކުތާތަކަކީ ވަރަށް މުހިންމު ނުކުތާތަކެއް ކަން ވެސް ފާހަގަކޮށްލަން.
ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ:
ނޮވެމްބަރު 11ގައި ރައީސް ޔާމީންގެ ސަރުކާރު ފަސް އަހަރުގެ ދައުރު ހަމަވާނެ. ގާނޫނު އަސާސީއާ އެއްގޮތަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ހުވާކުރެއްވޭނެ ގޮތަށް މަޖިލީހުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް އެދެން.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް:
ގާނޫނީ އަސާސީގެ އިންތިގާލީ ބާބެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލައްވާ ގޯހެއް ހައްދަވަން ނޫޅޭ. ގާނޫނު އަސާސީގައި ފަސް އަހަރުގެ ދައުރުގެ ވާހަކަ ބަޔާންކޮށްފައި އޮވޭ. އިތުރު އެއްވެސް އެއްޗެއް ބަޔާންކޮށްފައެއް ނުވޭ. ކަތި ފިޔަވަޅެއް ނޭޅުއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްއަށް ދަންނަވަން.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް:
ރައީސެއް ފަސް އަހަރުގެ ދައުރެއް ހަމަކުރުމުގެ ކުރިން އިސްތިއުފާ ދިނުމުން ވެސް ދެން އިންތިހާބެއް ބާއްވައި އައު ރައީސަކު ހުވާކުރައްވަނީ ނޮވެމްބަރު 11ގައި ކަން އަޅުގަނޑު ފާހަގަކޮށްލަން.
ވިލިފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު:
ވެރިކަމުގެ ދައުރަކީ ފަސް އަހަރުގެ ދައުރެކޭ އެބަ ބުނޭ. އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާފިއްޔާ މައްސަލައެއް އޮތްތޯ ބަލަންޖެހޭނީ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަސް އަހަރުގެ ދައުރެއް އަދާކުރެވިއްޖެތޯ ބަލަންޖެހޭނީ. އެކަމުގައި ރައީސް ޔާމީންގެ ބަސްފުޅެއް ވެސް ހޯއްދަވަންޖެހޭ. އެކަންކަން އަޅުގަނޑު ހުށަހަޅަން. ސިޔާސީ ޕާޓީތަކުގެ މަދުގައި މަޝްވަރާކުރުމަށްފަހު ނޮވެމްބަރު 11ގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ހުވާކުރެއްވުމަށް އަޅުގަނޑު ތާއީދުކުރާ ވާހަކަ ދަންނަވަން.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް):
އޭރު ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ އޭރުގެ ހާލަތު އޮތް ގޮތުން. ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް އެބައޮވޭ 11 ނޮވެމްބަރުގައި ހުވާކުރެއްވުމަށް. ތެދެއް، ގާނޫނު އަސާސީގައި އެބައޮވޭ ފަސް އަހަރުގެ ދައުރެއް ކަމަށް. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ނެތް ކޮންމެ ފަހަރަކު ހުވާކުރައްވަން ޖެހޭނީ 17 ނޮވެމްބަރުގައި ކަމެއް. އެއީ އޭރުގެ ހާލަތުގެ ގޮތުން ނެރުނު އަމުރެއް.
ރިޔާސަތުން މޫސަ ހުށަހެޅުއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ތާރީހާ ގުޅޭ މައްސަލައިގެ ބަހުސް ފަށައިފި.
އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ޖަލްސާއަށް ވަޑައިގެންފި.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނައިބު ރައީސް މޫސާ މަނިކު. ޖަލްސާ ފައްޓަވަމުން މެމްބަރުން އެއްބާރުލުން ދެއްވުމަށް މޫސަ ތަކުރާރުކޮށް އެދިވަޑައިގެންނެވި.
މަޖިލީހުގެ ޖަލްސާ ފަށައިފި.
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ލައިވް ކަވަރޭޖަށް މަރުހަބާ!
ގިނަ ދުވަސްތަކަކަށްފަހު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށިގެންދާ އިރު، ގިނަ ހުށަހަޅުންތަކެއް ވަނީ ހުށަހަޅައިފައި. ފުރަތަމަ ކުރިއަށްދާނީ އެ ހުށަހެޅުންތަކަށް ބަހުސްކުރުން.