މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ޑިޔުޓީ ފްރީ ފިހާރަތަކުން ދައުލަތަށް ލިބެން ޖެހޭ 56 މިލިއަން ރުފިޔާ ހޯދަން އޭސީސީން އެމްއޭސީއެލަށް އަންގައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބަޔެއް ޑިއުޓީފްރީ ފިހާރަތަކުން ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 56 މިލިއަނަށް ވުރެ ގިނަ ފައިސާ އެ ފަރާތްތަކުން ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއޭސީއެލް އަށް އަންގައިފި އެވެ.

އެމްއޭސީއެލްއަށް އެކަން އަންގައި އޭސީސީން ނެރެފައިވާ ބަޔާނުގައި އޭސީސީން ބުނެފައިވަނީ، އެފިހާރަތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 429,831.25 (ހަތަރު ލައްކަ ނަވާވީސް ހާސް އަށްސަތޭކަ އެއްތިރީސް ޔޫއެސް ޑޮލަރު ފަންސަވީސް ސެންޓް) ދައްކާފައިނުވާކަން ލިޔުންތަކުން އެނގެންއޮތްކަމަށެވެ.

އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާތީ އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުލި ނުދައްކާ ލަސްވެފައިވާ ދުވަސްތަކަށް، ޖޫރިމަނާ ފައިސާ ހިސާބުކުރެވުނު ތާރީހު ކަމުގައިވާ 16 އޭޕްރީލް 2019ގެ ނިޔަލަށް ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 100.00 (ސަތޭކަ) އެމެރިކާ ޑޮލަރުގެ މަގުން ދައްކަންޖެހޭ ޖުމްލަ 3,237,100.00 (ތިން މިލިއަން ދެ ލައްކަ ތިރީސް ހަތްހާސް އެއްސަތޭކަ) އެމެރިކާ ޑޮލަރާއެކު، މުޅި ޖުމުލަ 3,666,931.25 (ތިން މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަ ހާސް ނުވަސަތޭކަ އެއްތިރީސް ޑޮލަރު ފަންސަވީސް ސެންޓް) އެމްއޭސީއެލްއަށް ލިބެންޖެހޭކަން ލިޔުންތަކުން އެނގޭކަމަށެވެ.

މިއީ، ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާކަން އެނގެންއޮތްއިރު، މިއީ ދިވެހި ރުފިޔާއިން ނަމަ 56,544,079.88 (ފަންސާސް ހަ މިލިއަން ފައްސަތޭކަ ސާޅީސް ހަތަރު ހާސް ހަތްދިހަ ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި)ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމުން ފާހަގަވި ކަންކަން ހާމަކޮށް ބަޔާނެއްގައި އޭސީސީން ބުނެފައިވަނީ، އަމިއްލަ ފަރާތަކުން މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ހިންގި ޑިއުޓީ-ފްރީ ފިހާރަ ނަންބަރު 06، 07 އަދި 08 ކުއްޔަށް ހިފުމާގުޅޭ އެއްބަސްވުންތަކާއި އެއްގޮތަށް އެފަރާތުން އެމްއޭސީއެލްއަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން، އެ ފައިސާ ދެއްކުމަށް ދެފަހަރެއްގެ މަތިން ލުއިގޮތްތަކެއް ހަމަޖެއްސި ކަކަށެވެ.

"އެންމެ ފުރަތަމަ ލުއިގޮތްތަކެއް ހަމަޖައްސަދީފައިވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އައި ހީނަރުކަމުގެ ސަބަބުން އެފިހާރަތަކުގެ ވިޔަފާރި ދަށްވެފައިވާތީ ސަރުކާރުން އެފަރާތްތަކަށް ފައިސާ ދެއްކުމަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ނިންމުމާ ގުޅިގެންކަން ލިޔުންތަކުން އެނގެއެވެ.،"

އަދި ދެވަނަ ފަހަރަށް ލުއިދީ، ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ޑިއުޓީ-ފްރީ ފިހާރަތަށް ހިންގާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެންކަކަށްވެސް ބުނެފައިވެއެވެ.

އޭސީސީން ބުނި ގޮތުގައި އެ ލުއިތައް ދިން ނަމަވެސް އެމްއޭސީއެލްއިން ދީފައިވާ ޑިފަރމަންޓް ތާވަލްއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީވެ ޑިއުޓީ-ފްރީ ފިހާރަ ނަންބަރު 07، 31 ޖުލައި 2010 ގެ ނިޔަލަށް ބަންދު ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ފިހާރައިގެ ބޭންކް ގެރެންޓީއަށްވާ ފައިސާ، އެހާތަނަށް ކުލީގެ ގޮތުގައި ނުދައްކާވާ ފައިސާއިން ކަނޑައި، ބާކީ ދައްކާނެގޮތުގެ ތާވަލެއް ހަދައި، އެ ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާފައިވާކަން ލިޔުންތަކުން އެނގެއެވެ.