ޕޮލިސް

މީހަކު ރަހީނުކޮށް ބިރު ދެއްކި މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ލ. ގަމުގައި މީހަކު ރަހީނުކޮށް ބިރު ދެއްކި މައްސަލައެއްގައި އިބްރާހީމް ފަޒީލްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭނާގެ މައްޗަށް ދައުވާކުރަނީ 44 އަހަރުގެ މީހަކު ރަހީނުކޮށް ބިރު ދައްކައި، އޭނާގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައިގައެވެ.

ފުލުހުން މިއަދު ބުނީ ފަޒީލުގެ މައްޗަށް ދައުވާކުރަން ފޮނުވީ 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ކަމަށެވެ.

އެމައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިއަދު ކަމަށް ފުލުހުން ބުނެއެވެ.

44 އަހަރުގެ މީހާއަތުން ފޭރިގެންފައިވަނީ 8900 ރުފިޔާއެވެ. އެ މައްސަލައިގައި ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށެވެ.