ސުޕްރީމް ކޯޓް

ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނިކުންނަވަން ފައްޓަވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނެވީ މިއަދުއެވެ.

އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނެވިކަން، ސްޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް ވަނީ "ސީއެންއެމް" އަށް ކަށަވަރުކޮށްދެއްވައިފައި ކަމަށް އެނޫހުން މިއަދު ރިޕޯޓުކޮށްފައިވެ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެމައްސަލައާ ގުޅިގެން، ޖޭއެސްސީން ވަނީ އަބްދުﷲ ދީދީ މަސައްކަތުން އެކަހެރިކޮށް ސަސްޕެންޑްކޮށްފައެވެ.

ނަމަވެސް ޖޭއެސްސީގެ އެނިންމުން ތަންފީޒު ކުރުން ފަސްކޮށް، އެމައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރެއް ކޮށްފައެވެ. އެ އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކުރަން ޖޭއެސްސީއިން އޮތީ ނިންމައިފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ތަންފީޒީ ނިންމުމެއްގެ ގޮތުގައި ދެމިއޮންނާނޭ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.