ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް، އެމްޑީޕީއާ ގުޅެން އުޅޭކަމުގެ އިޝާރާތެއް ކޮށްފިއެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ، "ކޮން ކުލައެއް، ކުލަ ޔެލޯ" އެވެ. އެ ޓުވީޓު ކުރައްވާފައިވާ އިރު، ދާދި ފަހުން މަހުލޫފު ވަނީ ވަރަށް އަވަހަށް ސިޔާސީ ޕާޓީއަކާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝިއުޒްގެ "ކުލަ ޔެލޯ" ލަވައިގެ ލިރިކްސްގައި ވެސް މަހުލޫފު ޓުވީޓުކުރެއްވި ބަސްކޮޅު ހިމެނެއެވެ. އެހެންނަމަވެސް ގިނަ ބަޔަކު ފާހަގަކުރަމުންދަނީ އެއީ އެ ލަވައިގެ ލިރިކްސްގެ ބަޔަކަށް ވިޔަސް، ބޮޑަށް ބެލެވެނީ މަހުލޫފު އެމްޑީޕީއާ ގުޅެން އުޅޭ ކަމަށް ދިން އިޝާރާތެއްގެ ގޮތުގައެވެ.
އެ ޓުވީޓާއެކު އެމްޑީޕީގެ ސަޕޯޓަރުން ދަނީ އެ ޕާޓީއާ ގުޅެން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުނެ، އެ ޕާޓީއާ ގުޅުމުން މަހުލޫފަށް ހެޔޮހިތުން މަރުހަބާ ކިޔަން ތައްޔާރު ކަމަށް ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލިސް 2019ގެ އިންތިހާބަށް އޮތީ ހަތަރު މަހެވެ. ރިޔާސީ އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް ގުޅިފައިވާ ޕާޓީތަކުން ނެގި އިރު، މާލޭ ދާއިރާތަކުގެ މެޖޯރިޓީ އަބަދުވެސް އޮންނަނީ އެމްޑީޕީ ފަޅީގައެވެ. އެހެންވީމާ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ފަސޭހަ ވާނީ އެމްޑީޕީ ނުވަތަ އިއްތިހާދުގެ ކޮންމެވެސް ބައިވެރިޔަކާ ގުޅިގެން ކަމަށް ބެލެވެއެވެ.
މާލޭ ދާއިރާގެ ގޮނޑިތައް ބެހިގެންދިއުމުގެ ފުރުސަތު ބޮޑީ އިއްތިހާދުގެ ޕާޓީތަކަށެވެ. އެހެންކަމުން މިހާރު އެ ދާއިރާތަކުގައި ތިބި މެމްބަރުން ވެސް ގޮނޑި ބޭނުން ނަމަ، އިއްތިހާދުގެ ތެރެއިން ފިކުރަކާ ގުޅިގެން ނޫނީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ބެލެވެއެވެ.
މަހުލޫފް ވަނީ އިއްތިހާދުގެ ވެރިކަން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.