ވިޔަފާރި

އުރީދޫ އިން ރާއްޖެއަށް އީ ސިމް ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

އުރީދޫގެ ފަރާތުން ރާއްޖެއަށް މުޅިން އަލަށް އީ ސިމް ތައާރަފްކޮށްފި އެވެ.

މިއަދު ދަރުބާރުގޭގައި އުރީދޫން ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އީ ސިމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ރާއްޖެއަށް އުރީދޫން ތައާރަފް ކުރި މި ހިދުމަތަކީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ހިޔާރު ކުރެވޭ މަދު ގައުމެއްގައި މިހާތަނަށް ތައާރަފްކޮށްފައިވާ ހިދުމަތެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މި ހިދުމަތަކީ އެންމެ ފަހުގެ ފޯނުތަކުން ބޭނުން ކުރެވޭ ހިދުމަތެކެވެ. އެގޮތުން މި ހިދުމަތް ބޭނުން ކުރުމުގެ ޓެކްނޮލޮޖީ ހިމެނެނީ އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް އަދި ގޫގުލް ޕިކްސެލް 3 ގައި ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫގެ މި ހިދުމަތާއެކު އީސިމް ޓެކްނޮލޮޖީ ހިމެނޭ ކޮންމެ ފޯނަކަށް 9 ނަންބަރު ބޭނުން ކުރެވޭނެއެވެ. އަދި މި ހިދުމަތަކީ އަމިއްލަ ބޭނުމަށާއި ވިޔަފާރި ކުރުމަށް ގިނަ ނަންބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށް އުރީދޫން ބުނެއެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ ނަޖީބް ހާން ވިދާޅުވީ އީސިމްގެ ހިދުމަތާއެކު އެއް ފޯނަކުން އެތައް ނަންބަރުތަކެއްގެ ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި މި ހިދުމަތަކީ ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނާއި ވިޔަފާރަވެރީންނަށް އެތައް ފަސޭހަތަކެއް ލިއްބައިދޭނެ ކަމެއްކަން ނަޖީބްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. އަދި މި ފަދަ ހިދުމަތެއް ރާއްޖެއިން ފުރަތަމަފަހަރަށް އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ކަމީ އެކަމާ ފަހުރުވެރިވާ ކަމެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.

މިހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ހިދުމަތާއެކު، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީންނަށް ރާއްޖެ އައުމުގެ ކުރިން ސިމެއް ގަތުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އަދި ރާއްޖެއަށް އައުމާއެކު ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށާއި، ރާއްޖެއައުމާއެކު 4G+ ގެ ހިދުމަތް ފަތުރުވެރީންނަށް ލިބޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އުރީދޫގެ މި އާ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު http://ore.do/oesim އަށް ޒިޔާރަތް ކުރުމުން ލިބޭނެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހީމް ޒާހިރު މިއަދު ވިދާޅުވީ، އުރީދޫން މި ތައާރަފު ކުރި އީ ސިމް އާ އެކު ލިބިގެން ދާނޭ އެންމެ ބޮޑު އެއް ފަސޭހަ އަކީ އެމީހަކު ހުރި ތަނެއްގައި ހުރެގެން ސިމް ގަނެލެވުން ކަމަށެވެ. ހަމަ އެއާ އެކު ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވެސް އެ މީހުންގެ ގައުމުގައި ތިބެގެން ނުވަތަ ރާއްޖެއަށް އައުމުގެ ކުރީން ވެސް އޮންލައިންކޮށް ސިމް ގަނެލެވޭނެ ކަމަށާއި، އެ މީހުން ރާއްޖެ އައިސް ފޯނު އޮންކޮށްލުމުން އުރީދޫގެ ނެޓްވޯކާ ގުޅިގެން ދާނެ ކަމަށެވެ.

ނޫރާ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އުފައްދާ ފަހުގެ ގިނަ ފޯނު ތަކުގައި ވެސް، އީ ސިމް ސަޕޯޓު ކުރާ ނިޒާމް ހުންނާނެ ކަމަށް ބެއްލެވޭ ކަމަށެވެ.