ޝަހީދާ އަބްދުﷲ ސައީދު
ސުޕްރީމް ކޯޓުން ނެރުނު އަމުރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައިނުގަތުމަކީ ސުޕްރީމް ކޯޓުގެ އެ އަމުރުގެ ބާރު ކެނޑިގެންދާނެ ކަމެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް، ސުޕްރީމް ކޯޓުން ނިންމި ނަމަވެސް ސްޕްރީމް ކޯޓުގެ އެ ނިންމުމަށް ޖޭއެސްސީން އަމަލު ނުކުރަން ނިންމުމާ ގުޅިގެންނެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެމައްސަލައާ ގުޅިގެން، ޖޭއެސްސީން ވަނީ އަބްދުﷲ ދީދީ މަސައްކަތުން އެކަހެރިކޮށް ސަސްޕެންޑްކޮށްފައެވެ.
އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއެކު ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުމެވަޑައިގެންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އަދި ދުސްތޫރީ މައްސަލައިގައި ގޮތް ނިންމުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވަނީ ސުޕްރީމް ކޯޓަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ އެ ކޮމިޝަނުން މިމަހުގެ ތޭރަ ވަނަ ދުވަހުގެރޭ ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ހުށަހެޅި އެމައްސަލަ ބަލައިގަނެ، ސުޕްރީމް ކޯޓުން މިމަހުގެ ތޭރަ ވަނަ ދުވަހު ނެރުނު އަމުރުގައިވަނީ އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަަކި ގޮތެއް ކަނޑައަޅަން ދެން ޖޭއެސްސީގެ ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށާއި އެމައްސަލައިގައި ފިޔަވަޅުއެޅުމުގެ ގޮތުން ޖޭއެސްސީން ނިންމި އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި ޖޭއެސްސީން ކުރިއަށް ނުގެންދިޔުމަށްވެސް ވަނީ އަމުރުކޮށްފައެވެ.