ޕޮލިސް

ޓޯކުރި 79 އުޅަނދު ފުލުހުން ނައްތާލައިފި

އިބްރާހިމް ޒަކީ

ގަވާއިދާ ހިލާފަށް، ޕާކް ކޮށްގެންނާއި، ގިނަދުވަސްތަކެއް ވަންދެން ޕާކު ކޮށްފައި ހުރި 79 އުޅަނދު ފުލުހުން ނައްތާލައިފި އެވެ.

މިއަދު ފުލުހުން ނައްތާލާފައިވަނީ، ހަތަރު ފުރޮޅުލީ 10 އުޅަނދާއި 65 ސައިކަލާއި 5 ބައިސްކަލެވެ.

ފުލުންގެ ޓްރެފިކް ޑިޕާޓްމަންޓުުން، ހެޑްއޮފް ޓްރެފިކް ޕޮލިސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ޒަމީރު މީޑީއާއަށް މައުލުމާތު ދެއްވަމުން މިއަދު ވިދާޅުވީ މިއަދު ނައްތައިލީ، ގަވައިދާ ހިލާފަށް ޕާކު ކޮށްގެން ޓޯ ކޮށްފައިވާ އުޅަނދުގެ އިތުރުން ގިނަ ދުވަސްވަންދެން ޕާކު ކޮށްފައި ހުރި އުޅަނދުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެތަކެތި ނައްތައިލީ، އެ ތަކެތީގެ ވެރިފަރާތްތަކަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

ޒަމީރު ވިދާޅުވީ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގެ އިތުރުން ޕާކު ކޮށްފައި ހުންނަތާ 60 އަށްވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދު ޓޯ ކުރުމަށް ފުލުހުން މިހާރު ވަރަށްބޮޑު އިސްކަމެއް ދޭ ކަަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މަހެއްގެ މައްޗަށް 200 ވަރަކަށް ސައިކަލާއި ތިރީހަކަށް ކާރު ޓޯ ކުރާ ކަމަށެވެ. އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ޓޯކުރާ އުޅަނދު ތަކުގެ 90 ޕަސެންޓް ވެރި ފަރާތުން ގެންދާ ކަމަށާއި، ނަމަވެސް ވެރި ފަރާތުން ހަވާލު ނުވާތީ، ޕާކު ކޮށްފައި ހުންނަތާ ގިނަ ދުވަސްވެގެން ޓޯކުރާ އުޅަނދު ފަހަރުގެ 95 ޕަސެންޓް ޖެހެނީ ނައްތާލަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ކޮންމެ އުޅަނދެއްވެސް ޓޯކުރާތާ 24 ގަޑިއިރުގެ ތެރޭގައި އެކަން އިއުލާން ކުރާ ކަމަށެވެ. އަދި ޓޯ ކުރާތާ 60 އަށްވުރެ ގިނަ ދުަވަސްވިޔަސް ޓޯ ޔާޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން އެ އުޅަނދެއް، ވެރިފަރާތާ ހަވާލު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުޅަނދެއް ފުރަތަމަ ފަހަރު ޓޯ ކުރުމުން އެ އުޅަނދެއް ނެރެވޭނީ ޖޫރިމަނާގެ ގޮތުގައި 250 ރުފިޔާ ދެއްކުމަށްފަހުގައެވެ. ތިންފަހަރު ވަންދެން ޓޯކުރާ ކޮންމެ އުޅަނދަކަށް ދަންކަންޖެހޭ ޖޫރިމަނާ އެއްވަމުން ދާނެ އެވެ. ތިންފަހަރަށްވުރެ ގިނަ ފަހަރު ޓޯކުރާ އުޅަނދު ފަހަރަށް ދައްކަންޖެހޭ ޖޫރިމަނާ އިތުރަށް ބޮޑުވެއެވެ.