ދ. މާއެނބޫދޫ

ދ މާއެނބޫދޫ ފަޅަށް ގިނަ އަދަދެއްޖެ ރާގޮނޑި ވަދެއްޖެ

1

ދ. މާއެނބޫދޫ ފަޅަށް ގިނަ އަދަދަކަށް ރާގޮނޑި ވަދެ، ރައްޔިތުން ނިކުމެ ރާގޮނޑި ހިފަން ފަށައިފި އެވެ.

މާއެނބޫދޫން "ވަން އޮންލައިން"އަށް މައުލޫމާތު ދިން މީހަކު މިއަދު ބުނީ ރާގޮނޑި އެންމެ ފުރަތަމަ ވަނީ މިދިޔަ ރޯދަ މަހުގެ ތެރޭގައި ކަމަށާއި އޭގެ ފަހުން އެކި ދުވަސް މަތީން ވަންނަމުން އަންނަ ކަމަށެވެ.

"ރޯދަ މަހު ވެސް ހަތަރު ފަސް ދުވަހަކު ރާގޮނޑި ވަދެފަ ވަނީ. އޭގެ ފަހުން ވެސް އެކި ދުވަސް މަތީން ރާގޮނޑި ވަންނަމުން އަންނަނީ. މީކެ ކުރީން ވެސް އެކި ދުވަސްވަރު ރާގޮނޑި ވަދޭ އެކަމަކު މިހާ ގިނަ ދުވަހު މިކަން ދެމިއޮތްކަމެއް އެނގިފައެއް ނެތް." ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ރޯދަ މަހު ވެސް އެކި ދުވަސް މަތީން ރައްޔިތުން ނިކުމެ ރާގޮނޑި ހިފި ކަމަށާއި އެކި ގުރޫޕުތައް ނިކުމެ ކޮންމެ ގުރޫޕަކުން ވެސް އެތައް ސަތޭކަ ރާގޮނޑިއެއް ހިފި ކަމަށެވެ. އެއް ދުވަހަކަށް އެންމެ ގިނަ އަދަދަކަށް ރާގޮނޑި ހިފީ މިއަދު ކަމަށާއި އެ ގޮތުން މިއަދު ނިކުތް ޓީމުން 1800 ވަރަކަށް ރާގޮނޑި ހިފި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ރޯދަ މަހުން ފެށިގެން އެކި ދުވަސް މަތީން ރާގޮނޑި މާއެނބޫދޫ ފަޅަށް ވަންނަ އިރު، އެންމެ ގިނަ ރާގޮނޑި ހިފާފައި ވަނީ ރަށުގެ ދެކުނު ފަރާތު ފަޅުތެރެއިން ކަމަށެވެ. އެހެން ނަމަވެސް، ރަށުގެ ހުޅަނގު ފަރާތު ވިލުތެރެއަށާއި އުތުރު ފަރާތުގައި އޮންނަ ބަނދަރުގެ ވިލަށް ވެސް ބައެއް ދުވަސްތަކުގައި ރާގޮނޑި ވަދެފައިވާ ކަމަށެވެ.

"މި ރަށުގައި މޫދު އަދި ވިލު މި އޮންނަނީ އެ ތިން ފަަރާތުގަ. ދެން އިރުމައްޗަކީ ފުށްޓަރު ފަރާތް. އެހެންވީމަ ރާގޮނޑިއަށް ވަދެވޭ ގޮތަށް އޮތް ތިން ފަޅިޔަށް ވެސް އެ ވަނީ ވަދެފަ." ރަށުގެ ހުޅަނގު ފަޅީގައި ގުދުރަތީ ވަރަށް ބޮޑު ވިލެއް އޮންނަ މާއެނބޫދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ހުޅަނގު ފަރާތު ވިލުތެރެއިން ބައެއް ޓީމު ތަކުން ދާ ޖަހައިގެން ރޭ، ރާގޮނޑި ހިފި އިރު، ރާގޮނޑި ބޭނި މީހުންނާއި އެން ވަށި ޖަހައިގެން ހިފި މީހުން ވެސް މަދު ނޫން ކަމަށެވެ.

މިދިޔަ ރޯދަ މަހުގެ 27 ވިލޭރޭ ވެސް މާއެނބޫދޫ ފަޅަށް ރާގޮނޑި ވަދެފައިވެ އެވެ. އަދި އެކި ދުވަސްވަރު އެ ރަށު ފަޅަށް ކަންނެލިވެސް ވަދެފައިވެ އެވެ.

މާއެނބުދޫ އަކީ ދ. އަތޮގައި، ކުޑަހުވަދޫގެ އިރު އުތުރުގައި އޮންނަ، އަތޮޅުގައި އާބާދީގެ ގޮތުން ތިން ވަނަ ރަށެވެ. މާއެނބޫދޫގެ އިރު އުތުރުން އޮންނަ މާއެނބޫދޫ ކަނޑުއޮޅިއަކީ ވެސް ފަރުމަސްވެރިކަމަށް މަޝްހޫރު ފުޅާ ކަނޑުއޮޅިއެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟