އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަދުރޭއަށް ލަތީފުގެ ސުވާލެއް: ތި ހިސާބު ޖަހާ ގޮތުން ޔާމީންގެ ވެރިކަމަށް މިހާރު ހަ އަހަރު ފުރެނީތޯ؟

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިސާބު ޖައްސަވާގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް މިހާރު ހަ އަހަރު ފުރެނީތޯ ވިދާޅުވެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ސުވާލު އުފައްދަވައިފިއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ލަތީފް އެ ސުވާލު ކުރައްވާފައިވަނީ ޕީޕީއެމްއަށް އަށް އަހަރު ފުރުނީކަމަށް އަދުރޭ ވިދާޅުވުމުންނެވެ. ނަމަވެސް މިއަދު ޕީޕީއެމްއަށް ފުރިފައިވަނީ ހަތް އަހަރެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ އަދުރޭއަކީ ޕީޕީއެމްގެ އެންމެ އިސް ނައިބު ރައީސް ކަމަށާއި އެދުރު ގެޔަކަށް ނުވަތަ މަހުތަބަކަށް ގޮސްގެން ނަމަވެސް އަދުރޭގެ ހިސާބުގެ މައްސަލަ ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"އަދުރޭ އެދުރު ގެޔަކުން ނުވަތަ މަހުތަބަކުން ނަމަވެސް ހިސާބުގެ މައްސަލަ ރަނގަޅު ކުރަންޖެހޭ. އަދުރޭ އަކީ ޕީޕީއެމްގެ އެންމެ އިސް ނައިބު ރައީސް. އެހެންވެ ރައީސް ޔާމީން ގާނޫނު އަސާސީއާ ހިލާފަށް ދިގު މުއްދަތެއްގައި ރައީސްކަން ކުރަންޏާ އެކަން ހުއްޓުވަން ޖެހޭނީ އަދުރޭ،" ލަތީފް ވިދާޅުވިއެވެ.