ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ޓުވިޓާއިން ކުންފުންޏާ ގުޅުމެއް ނެތް ޓުވީޓެއްކުރި މައްސަލައިގައި ފިޔަވަޅު އަޅާނަން: ފެނަކަ

ޝަހީދާ އަބްދުﷲ ސައީދު

1

ފެނަކަ ކޯޕަރޭޝަންގެ ޓުވިޓާ ހެންޑްލް އިން އެކުންފުނީގެ މަސައްކަތާ ގުޅުމެއް ނެތް ޓުވީޓެއް ކުރި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުނީގެ ޓުވިޓާ ހެންޑްލް ބޭނުންކޮށްގެން ކުންފުނީގެ މަސައްކަތާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ޓުވީޓެއް ކޮށްފައިވާކަމަށެވެ.

އެކަންކޮށްފައިވާ ގޮތް ކުންފުނިން ބެލި އިރު، ޓުވީޓު ކޮށްފައިވަނީ ޓްވިޓާ ހެންޑްލް ހަވާލުކޮށްފައިވާ މުވައްޒަފު، އޭނާގެ އަމިއްލަ ޓުވީޓާ އެކައުންޓުން ޓުވީޓެއް ކުރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެހެންކަމުން އެމައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅު މުވައްޒަފާއި މެދު އަޅާނެ ކަމަށް ބުނެފައިވެއެވެ.

އަދި އެބާވަތުގެ ކަންކަމަކީ ކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އަދި ތަރުހީބުދޭނެ ކަމެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ.

ފެނަކައިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް ޖޭއެސްސީ އާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ސްޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ސްޕްރީމް ކޯޓުގެ އެ އަމުރަކީ ޖޭއެސްސީގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަމުރެއް ކަމަށް ނިންމައި، ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެ ކަމަށް އެކޮމިޝަނުން ނެރުނު ބަޔާނަށް، ފެނަކައިގެ ރަސްމީ ޓްވިޓާ އެކައުންޓުން ޓުވީޓު ކުރި މައްސަލައިގައެވެ.

ފެނަކައިގެ ރަސްމީ އެކައުންޓުން ކުރި ޓްވީޓްގައި ވަނީ "ޖޭއެސްސީ އަކީ ކޯޓުތަކުގެ މައްސަލަ ބަލަން ގާނޫނު އަސާސީން ބަޔާން ކުރާ ކޮމިޝަންތޯ؟" ސުވާލު އުފައްދާފައެވެ.

ފެނަކައިން ޖޭއެސްސީއާ ބެހޭ ގޮތުން ޓްވީޓް ކުރުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވާއިރު، މިހާރު ވަނީ އެޓްވީޓް ޑިލީޓް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟