އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ކަމަށް މެޑިކަލް ބޯޑުން ނިންމުމާ ގުޅިގެން ސަރުކާރުން ވަނީ އޭނާއަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމައިފައެވެ. އަދީބު ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު އެއާ އިންޑިއާގެ ފްލައިޓަކުންނެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ --- ވީޑިއޯ: ޝުމްބާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވަނީ ބޭސްފަރުވާއަށް ވަޑައިގެންނެވުމަށްފަހު މިމަހުގެ 26 ވަނަ ދުވަހު އަދީބު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އޭނާއާއެކު ކަރެކްޝަންސް އޮފިސަރުންނާއި ފުލުހުން ވެސް ދަތުރުކުރާނެ ކަމަށެވެ. އަދި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ސަލާމަތީގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި، އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިމަހުގެ 14 ގައި ފުރާފައި، 26ގައި އެނބުރި އަންނަ ގޮތަށް ވަނީ ޓިކެޓު ވެސް ނެގިފައި. އެހެންވީމާ މިހާރު އޮތް ޝެޑިއުލަށް ދާ ކަމަށްވާ ނަމަ، ޑޮކްޓަރުން އިތުރު ލަފައެއް ނުދެއްވާކަމަށްވާ ނަމަ، އަޅުގަނޑު ގަބޫލުކުރަނީ 14ގައި ފުރުމަށްފަހު 26ގައި އެނބުރި ގެނެވޭނެ ކަމަށް،" މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވިއެވެ.

އަދީބު ބޭސްފަރުވާއަށް ފުރުމުގެ ކުރިން ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ހާއްސަ ޓީމެއް ވަނީ އިންޑިއާއަށް ގޮސްފައެވެ. އޭގެ އިތުރުން އެ ދަތުރުގައި ކަރެކްޝަންސްގެ ތިން އޮފިސަރަކު ބައިވެރިވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެކަމުގެ ކަށަވަރުކަމާ އެކުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.