އިންޑިއާގެ އޮޝިވަރާ ފުލުހުން އެ ގައުމުގެ އަންދޭރީ މެޖިސްޓްރޭޓް ކޯޓަށް ވަނީ ނާނާ ޕަޓޭކަރު، ތަނޫޝްރީ ދައްތާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތަކީ ދޮގެއް ކަމަށް ރިޕޯޓް ހުށަހަޅައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ނާނާއަށް ދައުވާ ކުރުމަށް ބޭނުންވާ އެއްވެސް ހެއްކެއް ލިބިފައިނުވާތީ އެ މައްސަލަ އެމީހުން ބަންދު ކުރީކަމަށެވެ.
ފުލުހުންގެ މި އަމަލުގެ ސަބަބުން މިހާރު ނާނާގެ މައްސަލައަށް ގޮތެއް ނިންމާނީ ކޯޓުންނެވެ. އެ މައްސަލަ ކުރިއަށް ގެންދަން ވިޔަސް ނުވަތަ ކޯޓުން ބޭރުކުރާނީތޯ ނިންމަން ވެސް ޖެހޭނީ މިހާރު ކޯޓުންނެވެ.
ފުލުހުންގެ ރިޕޯޓްގައި އިތުރަށް ބުނި ގޮތުގައި ތަނޫޝްރީ އެ މައްސަލަ ހުށަހެޅީ ހީކުރެވިފައިވާ ކުށްހީއެއްގެ ސަބަބުން ކަމަށެވެ. ތަނޫޝްރީ ނާނާއާ ދެކޮޅަށް މިދިޔަ އަހަރު އޮކްޓޯބަރުގެ ހަވަނަ ދުވަހު ހުށަހެޅި މި މައްސަލައިގެ ސަބަބުން އިންޑިއާގައި #މީޓޫ މޫވްމަންޓް ވަނީ ފުޅާވެގެން ގޮސްފައެވެ.
ތަނޫޝްރީ ތުހުމަތުގައި 2008 ވަނަ އަހަރު ފިލްމް "ހޯރން އޯކޭ ޕްލީސް" ގައި ހިނގި މި ހާދިސާގައި ނާނާ ޕަޓޭކަރު ވަނީ ފިލްމްގެ ކޮންޓްރެކްޓްގައި ނުހިމެނޭ "އިންޓިމޭޓް" ލަވައެއް އޭނާ ލައްވައި ކުޅުވަން މަސައްކަތް ކޮށްފައެވެ. އަދި ގަދަކަމުން އޭނާ ލައްވައި ލަވައިގެ ބައިތައް ކުޅެން ސްޓެޕްސްތައްވެސް ކުޅުވަން މަސައްކަތް ކުރިކަމަށް ވަނީ ބުނެފައެވެ. ތަނޫޝްރީ ބުނިގޮތުގައި މިކަމުގައި ފިލްމުގެ މުޅި ކްރޫ ވަނީ ބައިވެރިވެފައެވެ.