ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށް އެދޭ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
މިރޭ ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިފްއަތު ވިދާޅުވީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި ނިންމުން ދަމަހައްޓައި ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް، ޖޭއެސްސީގެ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި މި ހިނދުން މި ހިނދަށް މަޖިލީހުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށް އެދޭ ކަމަށެވެ.
"މި ނިންމުން ދަމަހައްޓައި، ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް، ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި، މި ހިނދުން މި ހިނދަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައިދެއްވުމަށް އެދެން. ދެވަނަ ކަމަކަށް އަޅުގަނޑު އެދެން ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ނުވަތަ ސޫމޯޓޯކޮށް މި މައްސަލަތައް ބެލުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން، ކަމާބެހޭ ކޮމިޓީތަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާނޫނީ ގޮތުން ކުރައްވަން ޖެހޭ ކަމެއް ވެސް ކޮށްދެއްވުމަށް،" މިރޭ ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގެ އެކިއެކި މާއްދާތަކާއި އެކިއެކި ބައިތައް ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލުކުރުމުގެ ސަގާފަތް ހުއްޓުމަކަށް ގެނެސްދިނުމަށް އެދޭ ކަމަށާއި ފަނޑިޔާރުގެ ގާނޫނުން ޖޭއެސްސީގެ މައްޗަށް ލާޒިމުކޮށްފައި އޮންނަ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ވެސް އެދޭ ކަމަށެވެ.
"ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ގާނޫނުއަސާސީ 285 ވަނަ މާއްދާގައި އެ އޮންނަ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ތިއްބަވަން ޖެހޭ ފަނޑިޔާރުންގެ ގާބިލުކަން ނުވަތަ ފެންވަރު ހަގީގަތުގައި އެކަށީގެންވާ ގޮތަކަށް ވަޒަން ނުކުރެވި، މިއަދާ ހަމައަށް އައުމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުއާ މެދުގައި އިތުބާރުގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން މިއުޅެނީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.
ރިފްއަތު އިތުރަށް ވިދާޅުވީ ފަނޑިޔާރުންނާ މެދުގައި ތުހުމަތުކުރެވޭ އެކިއެކި ޖިނާއީ ޠަބީއަތުގެ ކުށްތަކާއި ކޮރަޕްޝަނާއި އަދި އެނޫން ވެސް ތުހުމަތުތައް ބެލެން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތައް ހަލުވި ކޮށްދިނުމަށާއި އަދި މަޖިލީހުން ގާނޫނުތަކުން ގެނެވެން ހުރި ބަދަލުތައް ގެނެސް، އެކަން ވެސް ކޮށްދިނުމަށް އެދޭ ކަމަށެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކުރަން އިއްޔެ ނިންމުމުން އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ. ނަމަވެސް މިރޭ ޖޭއެސްސީން ވަނީ އެ އަމުރަށް އަމަލު ނުކުރުމަށް ނިންމައިފައެވެ.