ޕީޕީއެމް

މިއަދު އޮތް ޕީޕީއެމް ޕީޖީ ގުރޫޕު ބައްދަލުވުމަށް ހާޒިރުވީ 14 މެންބަރުން

ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ޕީޕީއެމް އިން މިއަދު ބޭއްވި އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ 14 މެންބަރުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސް ތަކަކަށް ފަހު މާދަން ފަށަން ތައްޔާރުވެފައި ވާތީ، އެޖެންޑާ ކޮށްފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލިސް ގެ އިދާރާގައި ބޭއްވި ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ މާދަމާގެ ޖަލްސާއަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ސޮއިކުރައްވާފައިވާ ބައެއް މެންބަރުން ވެސް މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ކަމަށެވެ.

ނިހާން ވިދާޅުވީ މެންބަރުންނަށް ހާޒިރުވެވަޑައިނުގެންނެވުނީ އެކި ސަބަބު ތަކާ ހެދި ކަމަށާއި އެހެން ނަމަވެސް މާދަމާގެ ޖަލްސާ އަށް ހުރިހާ މެންބަރުން ވެސް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށެވެ.

މުހިންމު މައްސަލަ ތަކަކާ މެދު މަޝްވަރާ ކުރުމަށް ބޭއްވި ޕީޕީއެމް ޕީޖީ ގުރޫޕު ބައްދަލުވުމަށް އެންމެ 14 މެންބަރުން ހާޒިރުވެވަޑައިގެންނެވި އިރު، މާދަމާ އަށް އެޖެންޑާ ކޮށްފައިވާ ބައެއް މައްސަލަ ތަކުގައި ޕީޕީއެމްގެ ވިސްނުމާ ދެކޮޅަށް ގިނަ މެންބަރުންތަކެއް ވަނީ ސޮއިކުރައްވައިފަ އެވެ.