ސުޕްރީމް ކޯޓް

ޖޭއެސްސީގެ އިހުތިސޯސަށް ސުޕްރީމް ކޯޓުން އަރައެއް ނުގަނެވޭނެ: މީކާއީލް

ޝަހީދާ އަބްދުﷲ ސައީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިހުތިސޯސްގެ މައްޗަށް ސުޕްރީމް ކޯޓުން އަރައި ނުގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް ޖޭއެސްސީއާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ސްޕްރީމް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ.

މީކާއީލް މިއަދު ކުރެއްވި އެ ޓުވީޓުގައި ސުޕްރީމް ކޯޓު އެކީ ދޮވެ ސާފުކުރަން ޖެހިއްޖެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީކާއިލް މިފަދަ ޓުވީޓެއް ކުރައްވާފައިވާއިރު ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީއަށް ސުލޫކީ މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމައްސަލައިގައި ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ފަނޑިޔާރު އަބްދުﷲ ދީދީއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ހުށަހެޅި އެމައްސަލައިގައި އޭނާ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ވަޒީފާއިން ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ޖޭއެސްސީގެ ގާނޫނާއި ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާއި އަދި ގާނޫނު އަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެމައްސަލަ ހުށަހަޅާފައިވާ ގޮތަށް ޖޭއެސްސީން ބަލައިގަނެ، ގޮތް ނިންމައި ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފައި ވެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ހުށަހެޅި އެމައްސަލަ ބަލައިގަނެ، ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަަކި ގޮތެއް ކަނޑައަޅަން ދެން ޖޭއެސްސީގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީއަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.